ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކުރާ ފުރަތަމަ ވެބް ސީރީޒްގެ ޝޫޓިން ނިންމާލައިފި އެވެ.
އިންސްޓްްރާމްގައި ވަނީ މީގެ ޝޫޓިން ނިންމާލައި އެކަން ފާހަގަކުރަން ޓީމުން ރޭ ގޯއާގައި ބޭއްވި ހަފުލާއެއްގައި އަރިއަން ބޮޑު ކޭކެއް ފަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވެފަ އެވެ. އެ ވީޑިއޯގައި "ސްޓާޑަމް" ޓީމުން އަތްތިލަބަޑި ޖަހައި، ފޯރި ނަގާ ތަން ވެސް ފެނެ އެވެ.
އަރިއަން ސީރީޒެއް ހަދަން ތައްޔާރުވިކަން އިއުލާންކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި "ސްޓާޑަމް" ގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފަ އެވެ. އެކަމަކު މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ސްޓާޑަމް" ގެ ވާހަކަ ބިނާކޮށްފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިއަކަށްވާން ނިއު ދިއްލީ އަށް ނިސްބަތްވާ ޒުވާނަކު ކުރާ މަސައްކަތަށެވެ. އަދި މިިއީ އަރިއަންގެ ބައްޕަ ޝާހްރުކްގެ އަމިއްލަ ކެރިއަރުން އިންސްޕަޔާވެގެން ގެނެސްދޭނެ އެއްޗެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ސްޓާޑަމް" ގެ މައިގަނޑު ތަރިއަކީ މި އަހަރުގެ ޖުލައިގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ކިލް" އިން ތައާރަފުކުރާ އެކްޓަރު ލަކްޝް ލަލްވާނީ އެވެ. އަދި މީގެ ކާސްޓްގައި ބޮބީ ޑިއޯލް އާއި މޯނާ ސިންގް ވެސް ހިމެނެ އެވެ.
މީގެ އިތުރުން "ސްޓާޑަމް" ގެ ހާއްސަ ފެނިލުންތަކުން ޝާހްރުކާއި ރަންވީރު ސިންގް އާއި ރަންބީރް ކަޕޫރާއި ކަރަން ޖޯހަރް އިތުރުން އަނަންޔާ ޕާންޑޭ ފަދަ އެތައް ތަރިންނެއް ފެންނާނެ އެވެ.
ސީރީޒް ޕްރީމިއާކުރާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅު އެވެ. "ސްޓާޑަމް" ހަދާފައި ވަނީ އަރިއަންގެ އާއިލީ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ ތައްގަނޑުގަ އެވެ.