ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ފުރަތަމަ ފިލްމު "މަހާރާޖު" އަންނަ މަހުގެ 14 ގައި ނެޓްފްލިކްސް އިން ޕްރީމިއާ ނުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ އެ ފިލްމު އުފެއްދި އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް ވައިއާއެރްފް) އިން މި ހަފުތާގެ ތެރޭގައި އެކަން ރަސްމީކޮށް އިއުލާން ވެސް ކުރާނެ ކަމަށެވެ. ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި "މަހާރާޖު" ޑިޖިޓަލްކޮށް ޕްރީމިއާކުރަން ނިންމި އިރު، މި ފިލްމަކީ 1862 ގައި އިންޑިއާގައި ފެންމަތިވި ޖިންސީ ބޮޑު މައްސަލަގަނޑެއްގެ ވާހަކަ ގެނެސްދިން ނޫސްވެރިންތަކަކާ ދެކޮޅަށް ކުރި ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މީގެ ޑައިރެކްޓަރަކީ ވައިއާރްއެފްގެ 2018 ގެ "ހިޗްކީ" ގެނެސްދިން ސިދާތު ޕީ މަލްއުތުރާ އެވެ.
އިންޑިއާގެ މޮޅެތި އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރުގެ ދޮށީ ދަރިފުޅު ޖުނައިދު ފިލްމަކުން އެކްޓިން ހުނަރުން ދައްކައިލަން ގާތްވަމުން އަންނަ އިރު "މަހާރާޖް" ގެ ބަތަލާއިންނަކީ ޝަރްވާރީ ވާގް އާއި ޝާލިނީ ޕާންޑޭ އެވެ.
ޖުނައިދުގެ އަތުގައި މިހާރު ވެސް އިތުރު ދެ ޕްރޮޖެކްޓެއް އެބައޮތެވެ. އެއީ ދެކުނުގެ ބަތަލާ ސައި ޕައްލަވީއާ އެކީ ކުޅޭ ފިލްމަކާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރާ އެކީ ކުޅެން ހަމަޖެހިފައިވާ ތަމަޅަ ފިލްމު "ލަވް ޓުޑޭ" ގެ ހިންދީ ރިމޭކެވެ.