Last Updated: January 16, 15:54
Thursday, January 16, 2025
ޚަބަރު

ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ 2023 ވަނަ އަހަރަކީ އިންފްލޭޝަނާއި އިންޓްރެސްޓް ރޭޓް މަތިވުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ފޯރި އަހަރެއް ކަމަށެވެ. މި ގޮންޖެހުންތަކާއެކުވެސް ދިވެހިރާއްޖޭގެ އިގްތިސާދަށް %6.5 ގެ ކުރިއެރުމެއް ލިބިފަވާކަމަށާއި، އިގްތިސާދީ ކުރިއެރުމުގެ ހެޔޮ އަސަރު ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރިއަށްވެސް ކުރި ކަމަށެވެ.

މިގޮތުން ބީއެމްއެލްގެ ބެލެންސް ޝީޓަށް 3.8 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިތުރުވެ ޖުމްލަ އެސެޓް 45 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި ހިންގުމުގެ ފައިދާ ކުރީ އަހަރަށް ވުރެ %7 އިތުރުވެ، 2.7 ބިލިއަން ރުފިޔާގައި ހުރިކަމަށާއި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.07 ބިލިއަން ރުފިޔާވަނީ ލިބިފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މިދިޔަ އަހަރު ބޭންކުން ހޯދި ނަތީޖާއާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ، ފަރުދުންނާއި ވިޔަފާރިތަކަށް 5 ބިލިއަން ރުފިޔާގެ އައު ލޯނު މިދިޔަ އަހަރުގެ ތެރޭގައި ބޭންކުން ދޫކުރި ކަމަށެވެ. މިއަދަދުގެ ތެރެއިން އާންމު ފަރުދުންނާއި އެސްއެމްއީ ސެގްމަންޓަށް އަމާޒުކޮށް 1.4 ބިލިއަން ރުފިޔާ ބޭންކުން ދޫކޮށްފައިވާ ކަމަށާއި މިއާއެކު މިދިޔަ އަހަރުވެގެން ގޮސްފައިވަނީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެސްއެމްއީ ސެގްމަންޓަށް އެންމެ ގިނައިން ލޯނު ދޫކުރި އަހަރަށް ކަމަށްވެސް ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ ޕާރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް ދެމުންދާ އުފެއްދުންތަކާއި ހިދުމަތްތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

"ތައުލީމަކީ އަޅުގަނޑުމެން އިސްކަމެއްދޭ އެއް ދާއިރާއަކަށްވެފައި، ދިވެހި އިގްތިސާދަކީ އިލްމުގެ މައްޗަށް ބިނާކުރެވޭ އިގްތިސާދަކަށް ހެދުމުގެ މަގްސަދުގައި ކިޔަވާ ލޯނުގެ ރޭޓް 9% އިން %5 އަށް އަޅުގަނޑުމެން ދަށް ކުރިން. އަދި ގެދޮރު ގަތުމަށް އެދޭ ލޯނަށް ގިނަ ބަޔަކު ކޮލިފައި ކުރުމުގެ ބޭނުމުގައި ހޯމް ޕަރޗޭސް ލޯނާއި ފައިނޭންސިންގެ މުއްދަތު 25 އަހަރާ ހަމަޔަށް އިތުރުކުރިން. މީގެ އިތުރުން ފަރުދުންގެ އެންމެހާ ބޭނުންތަކަށް ފަހިވާނެހެން، ރަހުނަކާ ނުލައި ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއާ ހަމައަށް އިތުރުވެސް ކުރިން. މި ބަދަލުތަކަކީ ކަސްޓަމަރުން ބަލައިގެންފައިވާ ބަދަލުތަކެއް." ނިމާލް ވިދާޅުވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރަން ފެށި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުން އެހީ ލިބުނު 3 ވިޔަފާރިއެއް މިދިޔަ އަހަރުތެރޭ ކާމިޔާބުކަމާއެކު ގާއިމްވެ ހިނގައިގަތް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި 2023 ވަނަ އަހަރު މި ހިލޭ އެހީގެ ދަށުން އިތުރު ދެ ވިޔަފާރިއެއް ފެށުމަށް ބޭންކުން އެހީތެރިވެދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ވިޔަފާރިތަކަށް ބޭނުންވާ އެކިއެކި ބޭންކިންގ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްވުމަކީވެސް ވިޔަފާރިވެރިތަކަށް ވަރަށް މުހިންމުކަމެއްކަން ފާހަގަކޮށް ނިމާލް ވިދާޅުވީ މި ބޭނުމުގައި ވިޔަފާރިތަކުގެ އެންމެހާ ޚިދުމަތްތައް މާލޭ ބިޒްނަސް ސެންޓަރުގައި، އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތް މިދިޔަ އަހަރުތެރޭ ނިންމާލެވުނު ކަމަށެވެ.

"ބިޒްނަސް ސެންޓަރުން މިހާރު އެކައުންޓް ހުޅުވުމުގެ އިތުރުން، ލޯން އަދި ޑިޖިޓަލް ޚިދުމަތްތަކަށް އެދި ހުށަހެޅޭނެ. އަދި މާރޗަންޓުން ބޭނުންވާ އެކި އެކި އެހީތެރިކަންވެސް ފޯރުކޮށްދެވޭ. މި ބަދަލާއެކު ވިޔަފާރިތަކުން ހޯދަމުންދާ ހިދުމަތުން ލިބޭ ތަޖުރިބާ ރަނގަޅުވެ ބޭންކާ އޮންނަ ގުޅުންވަނީ ހަރުދަނާ ވެފަ." ނިމާލް ވިދާޅުވިއެވެ.

2023 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއާ އަލަށް ގުޅުނު 23000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއެކު ބޭންކުގެ ޖުމްލަ ކަސްޓަމަރުންގެ އަދަދުވަނީ 345000 އަށް އަރާފައެވެ. މިދިޔަ އަހަރު 66،000 އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި 5600 ބިޒްނަސް އެކައުންޓް ހިމެނެއެވެ.