Last Updated: November 26, 06:34
Tuesday, November 26, 2024
ޚަބަރު

ހުއިފިލަނޑާގެ 2 ބާވަތެއް ބޭރުކުރުން މަނާކޮށްފި

ދެ ބާވަރެއްގެ ހުއިފިލަނޑާ ބޭރަށް އެކްސްޕޯޓު ކުރުން ފިޝަރީޒް މިނިސްޓަރީން މަނާކޮށްފި އެވެ.

އެ މިނިސްޓަރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވީ މި މަހުން ފެށިގެން ބޭރުކުރުން މަނާކޮށްފައި ވަނީ އާންމުކޮށް ރާއްޖެއިން ނަގާ، ކައްޗަލަ އާއި އަލަނާސި ހުއިފިލަނޑާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ދެ ބާވާތް ބޭރުކުރުން މަނާކުރީ ކޮންވެންޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް) މުއާހަދާއަށް ކައްޗަލަ އާއި އަލަނާސި އިތުރުކުރުމާ ގުޅިގެން ކަމަށެވެ.

ނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މީގެ ކުރިން ރާއްޖެއިން ހުއިފިލަނޑާ ބޭރުކޮށްފައި ވަނީ ބޭރުކުރާ ވަކި ބާވަތްތަކެއް ވަކިން އެނގޭނެހެން ނޫން ކަމަށާއި އެކްސްޕޯޓު ކުރުން މަނާކުރަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށެވެ.

"މި ބާވަތްތައް މިހައިތަނަށް ބޭރު ކުރެވުނު އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން އެންމެ އަހަރެއްގެ ޑޭޓާ މި ހުރީ ސްޕީޝީޒް ވަކިން އެނގޭ ގޮތަށް ބޭރު ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ. "ދެން މި ޑޭޓާ ޝެއާ ކޮށްގެން ނޫނީ މިކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެންނަށް އެޖެއް ނުނެގޭނެ ކަންތައްތައް މި ހުންނަނީ، ވާހަކަ އަކީ އަޅުގަނޑުމެންނަށް ކުރިއެރުމެއް ނުލިބޭނެ ކަންތައްތައް މިހުންނަނީ ރަނގަޅު ޑޭޓާ ލިބިގެން ނޫނީ."

ދެހާސް ވިހީގައި ވެސް ސައިޓީސް މުއާހަދާގައި އަލަށް ހިމެނި ހުއިފިލަނޑާގެ ދެ ބާވަތެއް ރާއްޖެއިން ބޭރު ކުރުން މަނާކުރި އެވެ. ނަމަވެސް ފަހުން އެ ދެ ބާވަތުގެ ހުއިފިލަނޑާ ބޭރު ކުރުމަށް ވަކި ހުއްދަތަކެއް އޭރުގެ ފިޝަރީޒް މިނިސްޓަރީން ދޫކުރި އެވެ.

އެ ފަހަރު ބޭރު ކުރުން މަނާކުރީ ކަޅު ބަޓާއި ހުދު ބަޓެވެ.