ނެޓްފްލިކްސްގެ ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ގައި ބަތަލާ ސޮނާކްޝީ ދެއްކި މޮޅު އެކްޓިންއާ ގުޅިގެން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އޭނަ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.
މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކުޅަދާނަ ޑައިރެކްޓަރު ބުނީ ސޮނާކްޝީއާ އަކީ އަބަދު ވެސް މަސައްކަތް ކުރަން ބޭނުންވި ކަމަށާއި އޭނަ އަކީ ބަތަލާއެއްގެ ކިބައިގައި ހުންނަން ޖެހޭ ގިނަ ކޮލިޓީތަކެއް ހުރި ތަރިއެއް ކަމަށެވެ. އެގޮތުން ސޮނާކްޝީގެ ލޮލުގެ ޖާދޫ އާއި ހިނގާ ގޮތާއި އޭނަގެ ޑައިލޮގް ޑެލިވަރީ ވެސް ވަރަށް މޮޅު ކަމަށް ބަންސާލީ ބުންޏެވެ.
"ހިންދީ ސިނަމާ އިން އެންމެ ފާހަގަކޮށްލެވުނު ބަތަލާއިންގެ ތެރޭގައި ހިމެނޭ ވިޖަޔަންތިމާލާ އާއި ސްރީދޭވީ ކަހަލަ ބަތަލާއެެއް ސޮނާކްޝީ އަކީ،" އޭނަ ބުންޏެވެ. "އޭނަ އަކީ ޝަހުސިއްޔަތު ވަރުގަދަ ބަތަލާއެއް. ސްޓާ ކޮލިޓީތައް ވަރަށް ބޮޑަށް ލިބިފައިވާ ބަތަލާއެއް."
"ހީރާމަންޑީ" ގައި ސޮނާކްޝީ ދެ ރޯލެއް ކުޅެފައިވެ އެވެ. އެއީ ފަރީދަން ކިޔާ ކެރެކްޓާއަކާއި ރެހާނާ ކިޔާ ކެރެކްޓާއެކެވެ. އަދި މި ސީރީޒަކީ ބަންސާލީ ޑައިރެކްޓްކުރި ޕްރޮޖެކްޓެއްގައި ސޮނާކްޝީ މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ. ކުރިން އޭނަ ބަންސާލީ ޕްރޮޑިއުސްކުރި ފިލްމެއް ކުޅުނެވެ. އެއީ އަކްޝޭ ކުމާރު ބަތަލުގެ ރޯލު ކުޅުނު 2012 ގެ "ރައުޑީ ރާތޯޑް" އެވެ.
ސޮނާކްޝީ ބުނެފައިވާ ގޮތުގައި ބަންސާލީ ފަދަ ޑައިރެކްޓަރުންނާ އެކީ މަސައްކަތް ކުރަން ލިބޭ ނަމަ އޭނަގެ އަސްލު ޖާދޫ ދައްކުވައި ދޭނެ އެވެ. އަދި "ހީރާމަންޑީ" އިން ލިބުނު ފުރުސަތަށްޓަކައި އުމުރު ދުވަހު ޝުކުރުވެރިވާނެ ކަމަށާއި މިއީ އެތައް ކަމެއް ދަސްވި ހިތްގައިމު ތަޖުރިބާއެއް ކަމަށް ބުންޏެވެ.
މި މަހުގެ 1 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ހީރާމަންޑީ" އަކީ 8 އެޕިސޯޑްގެ ސީރީޒެކެވެ. މީގެ ކާސްޓްގައި މަނީޝާ ކޮއިރަލާ، ރިޗާ ޗައްޑާ، ސަންޖީދާ ޝެއިހް، އަދިތީ ރާއޯ ހައިދަރީ އަދި ޝަރުމިން ސޭގަލް ހިމެނެ އެވެ. "ހީރާމަންޑީ" ބިނާކޮށްފައި ވަނީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރުގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންނަށެވެ.