Last Updated: November 29, 17:15
Friday, November 29, 2024
މުނިފޫހިފިލުވުން

"ދަޅަކް 2" ނޮވެމްބަރަށް ތާވަލުކޮށްފި

ޓްރިޕްތީ ދިމްރީ އާއި ސިދާންތު ޗަތުރަވެތީ ހިމަނައިގެން ގެނެސްދޭ ފިލްމު "ދަޅަކް 2" މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރާ ގޮތަށް ނިންމައި، އޭގެ މޯޝަން ޕޯސްޓަރެއް ވެސް މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޝަކްޝަނާއި ޒީ ސްޓޫޑިއޯސްގެ އިތުރުން ކްލައުޑް 9 ޕިކްޗާސް ގުޅިގެން ގެނެސްދޭ އެއްޗެކެވެ. ނޮބެވެމްބަރު މަހުގެ 22 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ "ދަޅަކް 2" ގެ ޑައިރެކްޓަރަކީ ޝާޒިއާ އިބްގާލް އެވެ. މި ފިލްމަކީ ދަރުމާ އިން 2018 ގައި ގެނެސްދިން "ދަޅަކް" އާ ގުޅުވައިގެން ގެނެސްދޭ ފިލްމަކަށް ވިޔަސް ކުރީގެ ފިލްމުގެ ވާހަކަ އާއި ކާސްޓާ، އާ ފިލްމާ އެއްވެސް ގުޅުމެއް ނެތެވެ.

ޝިޝާންކް ކައިތާން ޑައިރެކްޓްކޮށް ގެނެސްދިން "ދަޅަކް" އަކީ ޖާންވީ ކަޕޫރާއި ޝާހިދު ކަޕޫރްގެ ކޮއްކި އިޝާން ޙައްތަރު ބޮލީވުޑަށް ތައާރަފުކުުރި ފިލްމެވެ. އަދި އެ ފިލްމަކީ 2016 ގެ މަރާޓީ ފިލްމު "ސައިރާތު" ގެ ރިމޭކެކެވެ.

"ދަޅަކް 2" ޓްރިޕްތީ އާއި ސިދާންތާ އެކީ ގެނެސްދޭ އިރު، މިއީ އަރަމުން އަންނަ ޒުވާން މި ދެ ތަރިން އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ކުރިން ދަރުމާ އިން ޖުލައި މަހު ގެނެސްދޭ "ބޭޑް ނިއުސް" އިން ވެސް ޓްރިޕްތީ ފެންނާނެ އެވެ. މި އަހަރު ރިލީޒްވާން ހުރި އޭނަގެ ފިލްމުތަކުގެ ތެރޭގައި އޮކްޓޯބަރުގައި ގެނެސްދޭން އޮތް ރާޖްކުމާރު ރާއޯގެ "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ގެ އިތުރުން ދިވާލީއާ ދިމާކޮށް ނޮވެމްބަރުގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ކާތިކް އާރިިއަންގެ "ބޫލް ބުލައްޔާ 3" ހިމެނެ އެވެ. އަދި އޮގަސްޓް މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އައްލޫ އަރުޖުން "ޕުޝްޕާ 2" ގެ އައިޓަމް ލަވައަކުން ވެސް ޓްރިޕްތީ ފެންނާނެ އެވެ.

ސިދާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ކޯ ކަޔޭ ހަމް ކަހާ" އެވެ.