Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

އާ މަޖިލިސް ހުވާކޮށްފި

އާ މަޖިލިސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި 93 ބޭފުޅުން މެންބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.

މެންބަރުކަމުގެ ހުވާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ބޭފުޅުންނަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންއެވެ.

މެންބަރުން ހުވާ ކުރެއްވުމަށްފަހު ދެން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބުރައީސް ހޮވުމަށް ބާއްވާ ޖަލްސާ ކުރިއަށްގެންދިއުމެވެ. މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10:15 ގައެވެ.

އާ މަޖިލިސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން– ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވަނީ މަޖިލީހުގެ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިންތިހާބަށްފަހު، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ކާޟިޔާޞުކުރި ބައެއް ބޭފުޅުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިހާރު މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިބޭނެއެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިބޭނީ 12 މެންބަރުންނެވެ. އަދި އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ އަދި އެމްއެންޕީގެ މެންބަރެއް މަޖިލީހުގައި އިންނާނެއެވެ. އަދި އަމިއްލަ 2 މެންބަރުން ތިބޭނެއެވެ.

މަޖިލީޙުގެ ސުޕަމެޖޯރިޓީ ލިބިފައިވާ ޕީއެންސީން ނިންމާފައިވަނީ މަޖިލީހުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުއްﷲ އަދި ނައިބުރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އައްޔަނު ކުރުމަށެވެ. ޕީއެންސީގެ ޕީޖީ ލީޑަރަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.