Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

މަޖިލީހުގެ ރައީސަކަށް އަދުރޭ އާއި ނާޒިލްގެ ނަން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި އެމްޑީޕީން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ ނަން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބުރައީސް އައްޔަނު ކުރުމަށް ޖަލްސާ މިއަދު ބާއްވާފައިވާއިރު މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ. އަދި މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުއެވެ.

މަޖިލީހުގެ ނައިބުރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އަދި ނައިބުރައީސްގެ މަގާމަށް އެމްޑީޕީން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުއެވެ.

މަޖިލީހުގެ ރައީސް އަދި ނައިބުރައީސް އައްޔަނުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނަގަންޖެހޭ 5 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނުނީ:
1- ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ދީދީ
2- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
3- މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމް
4- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
5- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

ޤާނޫނުއަސާސީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބުކުރާންވާނެ ކަމަށެވެ. މަޖިލީހުގެ ރައީސާއި ނައިބުރައީސް އިންތިޚާބުކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެއް ކަމަށްވެސް ޤާނޫނުއަސާސީގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވަނީ މަޖިލީހުގެ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިންތިހާބަށްފަހު، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރި ބައެއް ބޭފުޅުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިހާރު މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިބޭނެއެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިބޭނީ 12 މެންބަރުންނެވެ. އަދި އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ އަދި އެމްއެންޕީގެ މެންބަރެއް މަޖިލީހުގައި އިންނާނެއެވެ. އަދި އަމިއްލަ 2 މެންބަރުން ތިބޭނެއެވެ.