Last Updated: October 18, 09:59
Friday, October 18, 2024
ޚަބަރު

ކުރިއަށް އޮތް 3 ދުވަހު މޫސުން ވަރަށް ގޯސްވާނެ

ފޮޓޯ: އައްޑޫލައިވް

ކުރިއަށް އޮތް 3 ދުވަހު ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ސަރަހައްދަށް ގަދަވަޔާއެކު ވިއްސާރަކޮށް، އާންމު ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވެއެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އިރާޝާދު ދީފައިވެއެވެ.

ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު މޫސުން ގޯސްވުމުގެ ސަބަބުން މޫސުމީ އެލާޓްތައް ވެސް އަންނަނީ ނެރެމުންނެވެ.