Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

މަޖިލީހުގައި ތަފާތު ހިޔާލުތަކަށް ޖާގަ އޮންނަން ވާނެ

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގައުމަށް އެންމެ ފައިދާހުރި ކަންކަން ނިންމުމުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނެ ކަމަށާއި، މަޖިލީހުގައި ކުރާ ބަހުސްތަކުގައި ތަފާތު ހިޔާލުތަކަށް ޖާގަ އޮންނަންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލެވިގެންދަނީ ގައުމަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން މަޖިލިސް އެކުލަވާލެވުނީ މުހިންމު އާ ސިޔާސަތުތަކާއެކު އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖެއަށް ގެނެސްދެއްވުމުގެ ވިސްނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަދުދުވަސްތަކެއްގެ ތެރޭގައިކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި މަޖިލިސް ވެގެންދާނީ ރައީސް މުއިއްޒުގެ މަސައްޕުޅާ ފިޔަވަޅުހަމަކޮށް ހިނގާނެ އަދި ހިނގަންވާނެ މަޖިލީހަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިދަނޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިންމު ނިންމުންތަކެއް ނިންމަންޖެހިފައިވާ ދަނޑިވަޅެއް. އިގްތިސާދީ އަސާސްތައް ފުޅާކުރުން، އާ މަސައްކަތްތަކާ ފަންނުތަކާ ވިޔަފާރިތައް އުފަންކުރުން. ފައިސާއާ މާލީ ފުދުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ހޯދުން. އުމްރާނީ ތަރައްގީގެ އާހަރުފަތްތަކެއް ރާއްޖެއަށް ތައާރަފް ކުރަމުން ގެންދިއުން. ވީދެމުންދާ ދިވެހިންގެ އިޖުތިމާއީ ފޭރާން އަލުންވިޔެ އާކުރުން. މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުން. ނުގަވައިދުން ބިދޭސީން ރާއްޖެއަށް ވަންނަ ދޮރުތައް ބަންދުކުރުން. ޤާނޫނުގެ ވެރިކަން ނެގެހެއްޓުން. ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން. މަޖިލީހުގެ އަބުރާ ކަރާމާތް ހިފެހެއްޓުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިކަންކަމަކީ ބަހުސްކޮށް، ސަރުކާރާއެކު މަސައްކަތްކޮށް ގޮތްނިންމަންޖެހޭ ކަންކަން ކަމަށެވެ. އަދި އާ ޤާނޫނުތައް އުފަންކޮށް، އިސްލާހުކޮށް އުވާލަންޖެހޭ ޤާނޫނުތައް އުވާލާ، ގަވައިދުތައްވެސް ރަނގަޅަށް ބަލާ މަސައްކަތްތައް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުން ކޮނޑުއަޅަނީ ބިޔަ ބޮޑު މަސައްކަތްތަކެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ ގައުމަށް އެންމެ ފައިދާހުރިގޮތުގައި ކަންކަން ނިންމުމަށް 20 ވަނަ މަޖިލިސް ވަރުބަލިކަމެއް ނެތި ދެމި އޮންނާނެ ކަމަށެވެ.

ގައުމީ ބަހުސްތައް ހިނގާނެ އެންމެ އުސް އަދި އެންމެ އިސް މަޖިލީހަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި އަދި ރައްޔިތުންނާވެސް އެންމެ ގާތުން މަސައްކަތް ކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގައި ކުރާ ބަހުސްތަކުގައި ތަފާތު ހިޔާލުތަކަށް ޖާގަ އޮންނަންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަން ހިނގަންވާނީ މަޖިލީހުގެ ކަރާމާތް ހިފެހެއްޓޭނެ ގޮތަށްކަންވެސް ފާހަގަކުރެއްވިއެވެ.

"އެހެންކަމުން މިތަނުގައި ދެކެވޭ ވާހަކަތަކާ، ކުރެވޭ ބަހުސްތަކާ ހިނގާ މަސައްކަތުގައި ތަފާތު ހިޔާލުތަކަށާ ތަފާތު ވިސްނުންތަކަށާ ތަފާތު ނަޒަރިއްޔާތުތަކަށް ފުރުސަތު ލިބެންވާނެ ކަމަށާއި، އެކަންކަމަށް ޖާގަ އޮންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަޓިކް ހަމަތަކާއި ރައްޔިތުންގެ ހިޔާލުތަކަށް މަރުހަބާ ކިޔާނެ ކަމަށެވެ.