Last Updated: November 24, 13:10
Sunday, November 24, 2024
ރިޕޯޓް

ފެންފޯއް ރުއް ލުހެލުމާއި، ނާޒިމް ލުހެލުން!

މިދިޔަ އަހަރުގެ ތެރޭގައި އެންމެ މަޝްހޫރުވި އެއް ވާހަކަ އަކީ މާލޭގެ ބައެއް މަގުތަކުގައި އިންދާފައި ހުރި ފެންފޯއް ރުއްތަކެއް ކަނޑާލި ވާހަކައެވެ.

ދުވަސްތަކެއް ވަންދެން ވަރަށް ގަދައަށް އެވާހަކަ ދެކެވެމުން ގޮސް އޭގެ އަޑު ކެނޑުމަށް ފަހު ދެން ފެންފޯއް ރުއްތަކުގެ ވާހަކަ އަލުން ދެކެވެން ފެށީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ ޝަރީޢަތުގެ އަޑުއެހުމެއްގައި ނާޒިމްގެ ފަރާތުން ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.

ފެންފޯއް ރުށް ކަނޑާލާފައި ވަނީ އެސްއޯ ފުލުހުން ކަމަށާއި އެކަން ސާބިތުކުރުމަށް ހެކިން ހާޒިރު ކުރުމަށް ނާޒިމްގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ބުނުމުން އެފުރުސަތު ޝަރީޢަތުން ދެއްވާފައި ނުވިޔަސް ފެންފޯއް ރުއް ކަނޑާލި އިރު ދައުލަތުގެ އެންމެ ބާރުގަދަ ވުޒާރާގެ މިނިސްޓަރ ކަމުގައި ހުރި ކާނަލް ނާޒިމްގެ ފަރާތުން އެވާހަކަތައް އަޑު އިވިގެން ދިއުމުން ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ޝައްކު އިތުރަށް ވަނީ ބޮޑުވެގެން ގޮސްފައެވެ.

މާލޭގެ މަޖީދީމަގުގައި ހުރި ފެންފޯއް ރުއްތަކެއް ކަނޑާލާފައި. ފޮޓޯ/ސަން
މާލޭގެ މަޖީދީމަގުގައި ހުރި ފެންފޯއް ރުށްތަކެއް ކަނޑާލާފައި. ފޮޓޯ/ސަން

ފެންފޯއް ރުށް ކަނޑާލި މައްސަލައާއި ގުޅިގެން އޭގެ 2 ދުވަސް ފަހުން ކުރީގެ ރައީސް ނަޝީދު ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް ފެންފޯއް ރުއް ކަނޑާލުމުގައި އެސްއޯ ފުލުހުން ބައިވެރިވި ކަމަށް ވިދާޅުވެފައެވެ. އަދި އެ ހާދިސާ ހިނގި ރޭ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ތައްޔާރުކުރި އިންސިޑެންޓް ރިޕޯޓެއް ލިބިފައިވާކަމަށް ވެސް ނަޝީދު އޭރު ވަނީ ވިދާޅުވެފައެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އެ ރިޕޯޓްގައި ފެންފޯއް ރުއް ކަނޑާލުމުގައި އެސްއޯ ފުލުހުން ބައިވެރިވިކަން އެނގޭ ކަމަށާއި އޭގެ ތެރެއިން މާސްކް އަޅައިގެން ހުރި އެއް ފުލުހަކު ކެޕިޓަލް ޕޮލިސްގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށް ވެސް ލިޔެފައިވާ ކަމަށް ވެއެވެ. އަދި އެ އެސްއޯ ފުލުސް މީހާ ހައްޔަރު ކުރުމާއި ގުޅިގެން އޭނާ ކެޕިޓަލް ޕޮލިހުގެ ބެލުމުގެ ދަށުން އެސްއޯ ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ފުލުހުންގެ އިސްވެރިޔަކު އެންގެވުމުން އެކަމާއި ގުޅިގެން ފުލުހުންގެ މެދުގައި ދެބަސްވުން އުފެދުނު ކަމަށް ވެއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ފުލުހުންގެ މެސް ރޫމްގައި އެސްއޯ ފުލުހުންނާއި ކެޕިޓަލް ފުލުހުންނާ ދެމެދު ކުޑަވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވެއެވެ. މި ހަމަނުޖެހުން ހައްލުކޮށްފައި ވަނީ ޙުދު ޑިފެންސް މިނިސްޓަރ ނާޒިމް އެތަނަށް ވަޑައިގެން ކަމަށް 'އައްޑޫލައިވް' އަށް ވަނީ އެނގިފައެވެ.

ފެންފޯއް ރުއް ކަނޑާލުމުގެ ޝަކުވާ ރައީސް އާ ހަމައަށް ، އަދި ރައީސްގެ ޖަވާބު!

ރައީސް ޔާމީން. އެމަނިކުފާނަށް ދިމާވި ސިއްހީ މައްސަލަތަކާއި ފެންފޯއް ރުށް ތަކާޢި ގުޅުމެއް ވާކަމަށް އަރިސް ބޭފުޅުން ވަނީ ވިދާޅުވެފައި.
ރައީސް ޔާމީން. އެމަނިކުފާނަށް ދިމާވި ސިއްހީ މައްސަލަތަކާއި ފެންފޯއް ރުއްތަކާޢި ގުޅުމެއް ވާކަމަށް އަރިސް ބޭފުޅުން ވަނީ ވިދާޅުވެފައި.

ފެންފޯއް ރުއް ކަނޑާލުމުގައި އެސްއޯ ފުލުހުން ބައިވެރިވި ކަމުގެ ޝަކުވާ ރައީސް ޔާމީން އަރިހުގައި ކުރައްވައި ފުލުހުން ބޭނުންކޮށްގެން ޖިނާއީ ކުށްތައް ހިންގުމަކީ އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ޖަވާބު ދެއްވި ކަމަށް ވަނީ އެއީ އެކަން ކުރެވެން އޮތް ގޮތް ކަމަށާއި އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ގޯސްވަނީ އެ ފެންފޯއް ރުއް ތަކާއި ހެދީ ކަމަށެވެ.

ފެންފޯއް ރުށްތައް ކަނޑާލާފައި ވަނީ އެ ރުށް ތަކަށް ބަޔަކު ހަދާފައިވާ 'ސިހުރެއްގެ' ސަބަބުން ރައީސް ޔާމީން އަށް ސިއްހީ މައްސަލަތަކެއް ކުރިމަތި ވަމުންދާތީ ކަމަށް ބައެއް މީޑިޔާ ތަކުގައި ސަރުކާރުގެ ބައެއް އިސްވެރިންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެެސްއޯ ފުލުހުން ފެންފޯއް ރުއް ކަނޑާލުމާއި ގުޅިގެން ކާނަލް ނާޒިމް ރައީސް އަށް ޝަކުވާ ދަންނަވާފައިވާއިރު އޭގެ ކުރިންވެސް އެސްއޯ ފުލުހުންނާ ގުޅޭ ބައެއް ޝަކުވާތައް ނާޒިމް ކުރައްވާފައި ވުމުން އެސް އޯ ފުލުހުން ނާޒިމް އާއި މެދު އަދާވާތްތެރިކަން އޮތް ކަމަށް ނާޒިމްގެ ފަރާތުން ޝަރީއަތުގައި ވެސް ވަނީ ބުނެފައެވެ.

އެހެންކަމުން އެސްއޯ ފުލުހުން ބޭނުންކޮށްގެން ސަރުކާރުގެ ފަރާތުން ނާޒިމް ފްރޭމް ކުރީކަމަށް ވިދާޅުވާ ފަރާތްތަކުގެ ވާހަކައަށް މިވަނީ އިތުރު ބާރެއް ލިބިގެން ގޮސްފައެވެ.

ނާޒިމްގެ ފަރާތުން ޝަރީއަތުގައި ފުލުހުންނާ މެދު މިފަދަ ތުހުމަތުތަކެއް ކޮށްފައިވާއިރު ތަފާތު އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފުލުހުން ވަނީ ކާނަލް ނާޒިމް ފްރޭމްކުރުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ކާނަލް ނާޒިމްގެ ފަރާތުން އެބޭފުޅާ ކުރެއްވި ތުހުމަތުތައް ސާބިތުކުރުމަށް ހުށަހެޅި ހެކިން ހުށަހެޅި ނަމަވެސް ހިނގަމުންދާ މައްސަލައާއި ނުގުޅޭ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އެެ ހެކިން ބަލައިނުގެންފައެވެ.