Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ފަލަސްތީނުގެ ހައްގުގައި އަލުން ގުނޫތު ކިޔަން ފަށަނީ

ފަލަސްތީނުގެ ހައްގުގައި އަލުން ގުނޫތު ކިޔަން ފަށަން ނިންމައިފި އެވެ.

އިލްމުވެރީންނަށް ހާއްސަ ގުރޫޕެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދުގެ މަޣުރިބު ނަމާދުން ފެށިގެން ފަލަސްތީނުގެ ރަައްޔިތުންގެ ހައްގުގައި ފަތިސް ނަމާދާއި މަޣުރިބު ނަމާދުގައި ގުނޫތު ނާޒިލާ ކިޔަން އިމާމުންނަށް އަންގާނެ ކަމަށެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިމިވަނީ ފަލަސްތީނުގެ ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ސިޓީއަށް އިޒްރޭލުން ނުރައްކާތެރި ހަމަލާތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

އިޒްރޭލުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ރަފާހް އަށް ބޮން އަޅަން ފަށާފައިވާއިރު، ފާއިތުވި ދުވަސްތަކުގައި އިޒްރޭލުން ވަނީ ރަފަހްގައި ރެފިއުޖީން ތިބޭ ޓެންޓުތަކަށް ވެސް ވައިގެ ހަމަލާތައް އަމާޒުކޮށްފަ އެވެ. އެ ހަމަލާތަކުގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ވަނީ ޝަހީދުވެފަ އެވެ.

މި ހަމަލާތައް ދެމުންދާއިރު އިޒްރޭލުން ރަފަހް ސިޓީ އަށް ހަމަލާދިނުން ވަގުތުން ހުއްޓާލަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީޖޭ) އިން މިދިޔަ ހުކުރު ދުވަހު ވަނީ އަމުރުކޮށްފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 35،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.