މިއަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިމަހުގެ 31 ވަނަ ދުވަހު ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އޮފީސް އޮޕަރޭޝަންސް އައިޝަތު ގާހިރު ވިދާޅުވީ، ރާއްޖޭގެ ހައްޖުވެރިން ތިން ފްލައިޓަކަށް ބަހާލާފައިވާ ކަމަށާއި ހައްޖަށް ފުރާ ފުރަތަމަ ގްރޫޕު މި ހުކުރު ދުވަހު ފުރާނެ ކަމަށެވެ. އަދި އެ ފްލައިޓުގައި ދަތުރުކުރާ ދަތުރުވެރިން މިއަދާ މާދަމާ ދަތުރަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާނެ ކަމަށް ވިދާޅުވިއެވެ.
މޭ 31 ވަނަ ދުވަހުގެ ފްލައިޓުގައި 298 ހައްޖާޖީން ހައްޖަށް ފުރުމަށްވަނީ ހަމަޖެހިފައެވެ.
ހައްޖުވެރިންނަށް ހައްޖު ކޯޕަރޭޝަނުން ތައްުޔާރު ކޮށްފައިވާ ތަމުރީނު ޕްރޮގްރާމު މިއަދު ކުރިއަށް ގެންދާނެ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. ތަމުރީން ޕްރޮގްރާމް ކުރިއަށްދާނީ މިރޭ 8:30 ގައި ދަރުބާރު ގޭގައެވެ.
މި އަހަރު ރާއްޖޭން ހައްޖަށް ދަނީ 1000 މީހުންނެވެ. އެއީ މުޅިން ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ފަރާތްތަކެވެ.
މިއަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ ހައްޖާޖީންގެ ލައިވް ލޮކޭޝަން ބެލޭނެ ޓްރެކިން ޑިވައިސްއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މީގެކުރިން ވިދާޅުވިއެވެ. އެގޮތުން ހައްޖާޖީއަކު މަގުއޮޅުންފަދަ ކަމެއް މެދުވެރިވެއްޖެނަމަ ޓްރެކިން ޑިވައިސްއަށް ފިތާލައިގެން އެމީހަކު ގެއްލިފައިވާކަން އެންގޭނެ ކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި ޓްރެކިން ޑިވައިސްގެ އެހީގައި ހައްޖާޖީން ތިބޭ ތަން ވަގުތުން ދެނެގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.