ދަރިއަކު ވެސް ލިބިފައި ވަނިކޮށް ކައިވެނި ރޫޅުނީ ދެމަފިރިންގެ ދޭތެރޭގައި އޮންނަން ޖެހޭ ބަދަހި ގުޅުން ނެތި، ގުޅުން ހީނަރުވާން ފެށުމުން ކަމަށް ބޮލީވުޑްގެ ކުރީގެ ތަރި އިމްރާން ޚާން ބުނެފި އެވެ.
އެނބުރި އަލުން ފިލްމީ މަސައްކަތްތަކަށް ނުކުމެ މިހާރު "ހެޕީ ޕަޓޭލް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ 41 އަހަރުގެ އެކްޓަރު "އިންޑިއާ ޓުޑޭ" އަށް ދިން އިންޓަވިއެއްގައި ބުނީ ވަރީގެ ވާހަކަ މާ ބޮޑަށް ދައްކާ ހިތްނުވާ ކަމަށެވެ. އަދި އޭގެ މާ ބޮޑު ތަފުސީލަކަށް ވެސް ދާން ބޭނުން ނުވާ ކަމަށް މަޝްހޫރު އެކްޓަރު އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާން ބުންޏެވެ.
"އަސްލު ވަރިއަކީ އުންމީދު ވެސް ކުރި ކަމެއް ނޫން." ކިޔަވަން އުޅުނު ދުވަސްވަރުން ފެށިގެން ރައްޓެހިވެގެން އުޅުނު އަވަންތިކާ މާލިކްއާ 2011 ގައި ކުރި ކައިވެނި 2019 ގައި ރޫޅުމާ ބެހޭ ގޮތުން އިމްްރާން އޭނަ ބުންޏެވެ.
ދުރުދުރުން ވަރީގެ ވާހަކަ ހިއްސާ ކުރަމުން އޭނަ ބުނީ ކައިވެންޏަކީ ދެ މީހަކު ވަރަށް ބޭނުންވެގެން ދެމެހެއްޓޭނެ ގުޅުމެއް ކަމަށެވެ. އަދި އެކަކު އަނެނަކަށް ދިމާވާ ކަންކަމުގައި އަބަދު ބައިވެރިޔާގެ ސަޕޯޓާއި އެހީތެރިކަން އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އިމްރާން ބުންޏެވެ.
"އެކަމަކު އަހަންނާއި އަވަންތިކާއާ ދެމެދު ފަހަކުން އެ ވަރުގެ ގުޅުމެއް ނެތް،" އޭނަ ބުންޏެވެ. "އެކަކު އަނެކަކަށްޓަކައި ހުރެދިނުމުގެ ރޫހު ކުޑަވީމަ ކަމަށް އަހަރެން ގަބޫލުކުރަނީ ވަރިއާ ހަމައަށް ދާން ޖެހުނީ."
އިމްރާނާއި އަވަންތިކާ ވަކިވި އިރު ލިބިފައި ވަނީ އަންހެން ދަރިއެކެވެ. އެއީ މިހާރު 9 އަހަރުގެ އިމާރާ ޚާނެވެ.
އިމްރާން ބޮލީވުޑަށް ނުކުތީ 2008 ގެ "ޖާނޭ ތޫ…ޔާ ޖާނޭ ނާ" އިންނެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ 2013 ގެ "ކައްޓީ ބައްޓީ" އިންނެވެ. އިމްރާން އެނބުރި އަންނަ ފިލްމު "ހެޕީ ޕަޓޭލް" އަކީ އެކްޓަރު/ސްޓޭންޑަޕް ކޮމީޑިއަން ވީރް ދާސް ޑައިރެކްޓްކުރާ އެއްޗެކެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ ފިލްމުގެ ހާއްސަ ފެނިލުމެއްގައި އާމިރު ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިމްރާން މިހާރު އަންނަނީ ލޭކާ ވޮޝިންޓަން ކިޔާ ބަތަލާއަކާ ޑޭޓްކުރަމުންނެވެ. އެ ދެ މީހުން ރައްޓއެހިވެގެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެން ފެށީ 2022 ގަ އެވެ.