ދެކުނު ކޮރެއާގެ މަޝްހޫރު ޓެކް ކުންފުނި، ސެމްސަންގް އިލެކްޓްރޯނިކްސްގެ މުވައްޒަފުން އަލަށް ހަޅުތާލަކަށް ނުކުންނަން ނިންމައިފި އެވެ.
ދަ ނެޝަނަލް ސެމްސަންގް އިލެކްޓްރޯނިކްސް ޔުނިއަން އިން މި ހަޅުތާލު ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ 7 ގަ އެވެ. އެހެންވެ އެ ދުވަހު ޕެއިޑް ލީވްގެ ބޭނުން ހިފައި ވީހާ ވެސް ގިނަ މުވައްޒަފުން ހަޅުތާލުގައި ބައިވެރިވާން އެދިފައިވެ އެވެ. މުވައްޒަފުންގެ ޔުނިއަންގެ 28،000 އަށް ވުރެ ގިނަ މެންބަރުން ހިމެނޭ އިރު، އެއީ ކުންފުނީގެ މުވައްޒަފުންގެ ފަސްބައިކުޅަ އެއްބަ އެވެ.
މުވައްޒަފުން ބާއްވަން ނިންމި ހަޅުތާލާ ގުޅިގެން ސެންސަންގުން ބުނީ ޔުނިއަންއާ ވާހަކަ ދައްކައިގެން އެ މީހުންގެ ހުރި ޑިމާންޑްތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށެވެ.
ހަޅުތާލާ ބެހޭ ގޮތުން ޔުނިއަން އިން ބޭއްވި ނޫސް ކޮންފަރެންސްގައި ބުނީ މުވައްޒަފުން އަލަށް ކުންފުންޏާ ދެކޮޅަށް ހަޅުތާލަކަށް ނުކުންނަނީ މުވައްޒަފުންނާ މެދު އިހުމާލުވެފައިވާ ގިނަ ކަންކަމާ ގުޅޭ ގޮތުން އަޑު އުފުލަން ކަމަށެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުން ވެސް ހިމެނެ އެވެ.
ޔުނިއަން އިން ކުރިން ޑިމާންޑްކޮށްފައިވާ ގޮތުގައި މުވައްޒަފުންގެ މުސާރަ 6.5 ޕަސެންޓް ބޮޑުކޮށް، ކުންފުނީ ޖުމްލަ އާމްދަނީ އަށް ކޮންމެ އަހަރަކު ވެސް ރިއާޔަޔްކޮށް މުވައްޒަގުން ބޯނަސް ދޭން ވެސް ޑިމާންޑްކޮށްފައިވެ އެވެ.
މުވައްޒަފުން ހަޅުތާލަކަށް ނުކުންނަން ނިންމިކަން އިއުލާންކުރުމާ އެކީ ސެމްސަންގެ ހިއްސާގެ ވިޔަފާރި އަށް 1.8 ޕަސެންޓްގެ ވެއްޓުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ސެމްސަންގް އަކީ ސްމާޓްފޯނު ވިޔަފާރީގައި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ކުންފުންޏެވެ. މީގެ 86 އަހަރު ކުރިން ވުޖޫދަށް އައި ކުންފުނީގެ މުވައްޒަފުންގެ އަދަދު 91،330 އަށް ވުރެ ގިނަ އެވެ.