މި އަހަރުގެ "ބުރުނު ޝިކާރު" ބޮޑީ ބޯޑިން މުބާރާތުގެ ޗެމްޕިއަންކަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފި އެވެ.
އޭނަ އަކީ މި މުބާރާތުގެ 2022 ވަނަ އަހަރުގެ ވެސް ޗެމްޕިއަނެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ކުޑަ އައްޔަ، މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ބުރުނު ޝިކާރުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަލީ ޖާވިދު (ޖާއްޓެ) ބަލިކޮށްގެނެވެ.
ޖާއްޓެއާ ވާދަކޮށް ކުޑަ އައްޔަ ފައިނަލް ހީޓު ކާމިޔާބުކުރީ 11.67 ސްކޯކޮށްގެންނެވެ. ޖާއްޓެ އަށް ސްކޯކުރެވުނީ 9.77 އެވެ. ކުޑަ އައްޔަގެ އެންމެ ރަނގަޅު ރާޅުގައި އޭނާ ވަނީ 6.17 ސްކޯކޮށްފަ އެވެ. ދެވަނަ އަށް އެންމެ ރަނގަޅު ރާޅުގައި އޭނާ ވަނީ 5.50 ސްކޯކޮށްފަ އެވެ.
ކުޑަ އައްޔަ ވަނީ މީގެ ކުރިން މި މުބާރާތް ހަތަރު ފަހަރަށް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރު ފައިނަލުގައި އޭނަ ބަލިކޮށް ޗެމްޕިއަންކަން ހޯދީ އަޝްރަފް ހަސަން އެވެ. އަޝްރަފަކީ ކުޑަ އައްޔަ ބަލިކޮށް މު މުބާރާތް ކާމިޔާބުކުރި ހަމައެކަނި ބޮޑީބޯޑަރެވެ.
މި އަހަރުގެ މުބާރާތުގެ ޑްރޮޕް ނީ ކެޓަގަރީ ވެސް ކާމިޔާބުކުރީ ކުޑަ އައްޔަ އެވެ. ފައިނަލުގައި ކުޑަ އައްޔައާ ވާދަކުރީ ޒުވާން ތަރި އާމިން އުމަރު މޫސާ އެވެ. ފައިނަލުގައި ކުޑަ އައްޔަ ވަނީ 10.00 ސްކޯކޮށްފަ އެވެ. އާމިން އަށް ސްކޯކުރެވުނީ 6.67 އެވެ.
މި އަހަރުގެ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އަޒާން އަހުމަދެވެ. ފައިނަލުގައި އަޒާން ވާދަކުރީ މުހައްމަދު ޖަރީޝް ޖިހާދުއާ އެވެ. އަޒާން ވަނީ ފައިނަލުގައި 9.80 ސްކޯކޮށްފަ އެވެ. ޖަރީޝް އަށް ސްކޯކުރެވުނީ 8.10 އެވެ.
"ބުރުނު ޝިކާރު" ގެ ހަ ވަނަ މުބާރާތް ކުރިއަށް ގެންދިޔައީ މި މަހުގެ 27-29 އަށް މާލޭގެ ރާޅުގަނޑު ސަރަހައްދުގަ އެވެ. މުބާރާތުގައި 26 ރާޅާއެޅުންތެރިން ބައިވެރިވެ އެވެ.