ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ފުލުހުންގެ މުއައްސަސާ ހެދޭނީ ފުލުހުން އެ މުއައްސަސާއިން ބޭނުންވާ ކަންކަން ހާސިލު ކުރަން ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކޮށްގެން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެެވެ.
އައްޑޫ ޕޮލިސް ކޮލެޖްގައި ރޭ ބޭއްވި ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ހިނގާލުމުގެ ރަސްމިއްޔާތުގައި ސީީޕީ ވިދާޅުވީ އެއްގޮތަކަށް ވެސް ސިޔާސީ ފަރާތެއްގެ އެހީތެރިކަން ހޯދައިގެން އެފަދަ ކަންކަން ކުރުމުގެ ވިސްނުން ފުލުހުން ނުގެންގުޅެގެން ނުވާނެ ކަމަށެވެ.
"ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް މި މުއައްސަސާ ހެދޭނީ ތިޔަ އޮފިސަރުން މި މުއައްސަސާއިން ބޭނުންވާ ކަންކަން ހާސިލު ކުރަން މުއައްސަސާގައި ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކޮށްގެން." އޭނަ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އްޔިތުންގެ އިތުބާރާއި ލޯބި ހޯދަން ބޭނުން ނަމަ މަަސައްކަތުގެ މާހައުލުގައި ވެސް އަމިއްލަ ދިރިއުޅުމުގައި ވެސް އެއްވެސް ފުލުހެއްގެ ފަރާތުން ގައުމަށް ނުވަތަ ފުލުހުންގެ ހިދުމަތަށް ދެރަވާނޭ ފަދަ އެއްވެސް ކަމެއް ނުކުރަން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި އެކަމަށް އިލްތިމާސް ކުރައްވާފައިވެ އެވެ.
ސީޕީ ވިދާޅުވީ ރާއްޖޭގައި ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ފަދަ އެތައް ކުށްތަކަކާ އެކީ މިހާރު މިއޮތީ ކޮންމެ ފުލުހަކު ވެސް ވަކިވަކީން ވެސް މަސްތުވާތަކެތި ހުއްޓުވުމަށް މަސައްކަތް ކުރާންޖެހޭ ހިސާބެއްގައި ކަމަށެވެ.
އެހެންކަމުން މަސައްކަތުގައި ހީވާގިވުމަށް ޝުޖާއު ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
"ގައުމު ދެކެ ލޯބިވާކަން، ގައުމީ ލޭ ތިޔައިން ކޮންމެ އޮފިސަރެއްގެ ހަށިގަނޑުގައި ހިނގާކަން ފެންނަން އެބަޖެހޭ، ތިޔަ އޮފިސަރުންނާ ހަވާލު ކުރެވޭ މަސްއޫލިއްޔަތުތައް އަދާކުރާ ގޮތުން މިދެންނެވި ސިފަތައް ހުރިކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެ،" ސީޕީ ވިދާޅުވި އެވެ. "ރައްޔިތުންގެ ކަންބޮޑުވާ ކޮންމެ ކަމަކީ ތިޔަ އޮފިސަރުންގެ ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން އެބަޖެހޭ. ހަވާލު ކުރެވޭ ޑިއުޓީ އަދާ ކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭ."