ފުލުހުންގެ އަސާސީ ތަމްރީނުގެ 36 ވަނަ ބެޗްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ސާޖަންޓް އަހްމަދު ނިހާދު ހޮވިއްޖެ އެވެ.
ކޯސް ނިންމަން ރޭ އައްޑޫ ޕޮލިސް ކޮލެޖްގައޮ ބޭއްވި ރަސްމިއްޔާތުގައި އޭނަ އަށް ކޮމިޝަނަ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު ހަވާލުކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ.
މި އަހަރުގެ ޖެނުއަރީ 24 އިން މި މަހުގެ 23 އަށް ކުރިއަށް ގެންދިޔަ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދެވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އާލިމަ މުޙައްމަދެވެ. އަދި ތިން ވަނަ އަކީ ކޮންސްޓަބަލް މުއީން މުޙައްމަދެވެ.
އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ސާޖަންޓް އަޙްމަދު ނިހާދު ހޮވިފައިވާ އިރު ދެވަނަ ދަރިވަރަކަށް ހޮވިފައި ވަނީ ކޮންސްޓަބަލް މާޝާ ރަޝީދެވެ. ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އާއިޝަތު ރަވީނާ އެވެ.
އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ބީފާނު ސްކޮޑެވެ.
ފުޖލުހުޖްގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގައި 198 ފުލުހުން ބައިވެރިވެ 164 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެ އެވެ. އެއީ 36 އަންހެން ފުލުހުންނާއި 128 ފިރިހެން ފުލުހުންނެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.
އެގޮތުން، ގާނޫނާއި، ހިއުމަން ރައިޓްސް އާއި ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތައް މި ތަމްރީނު ކޯހުގައި ކުރިއަށް ގެންދެ އެވެ.