ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ބޫލް ބުލައްޔާ 3" ގެ ކާސްޓްގައި ހިމެނޭ ކާތިކް އާރިއަނާއި ޓްރިޕްތީ ދިމްރީ ދެވަނަ ފިލްމެއްގެ މަސައްކަތް ފަށަން ވެސް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒަށް ޑައިރެކްޓަރު އަނޫރާގް ބާސޫ ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އަދި މިއީ ލޯބީގެ ވާހަކައަކަށް ހަދާ ފިލްމެއް ކަމަށާއިގެ ފިލްމުގައި ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނޭނެ ކަމަށް ބުންޏެވެ.
ކާތިކާ އެކީ އަނޫރާގް ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރު މި ވަނީ 2022 ގައި އިއުލާންކުރި "އާޝިގީ 3" ގެ މަސައްކަތް ވާނުވާގައި އޮއްވަ އެެވެ. ޓީ ސީޒާއި ބަޓް ކޭމްޕް ގުޅިގެން ހަދަން ނިންމާފައިވާ އެ ފިލްމު އެ އަހަރުގެ ސެޕްޓެމްބަރުގައި އިއުލާންކުރި ފަހަކުން އެއާ ބެހާ އަޕްޑޭޓެއް ނުލިބެ އެވެ.
އެހެންވެ "އާޝިގީ 3" ގެ މަސައްކަތް ފަށާނެ އިރެއް އަދި ނޭނގެ އެވެ.
ކާތިކާއި ޓްރިޕްތީއާ އެކީ އަނޫރާގް މުޅިން އާ އެހެން ޕްރޮޖެކްޓެއްގެ މަސައްކަތް ފަށަން ތައްޔާރީތައްވަމުން އަންނަ އިރު، އޭނަ މިހާރު އަންނަނީ ނޮވެމްބަރު 29 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެންތޮލޮޖީ ފިލްމު "މެޓްރޯ: އިން ދި ނޯ" ގެ މަސައްކަތް ކުރަމުންނެވެ. "މާޑާ" "ގޭންގްސްޓާ" އާއި "ލައިފް އިން އަ މެޓްރޯ" އަދި "ބަރްފީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގެ އެންމެ ފަހުގެ ފިލްމަކީ 2020 ގެ އެންތޮލޮޖީ "ލޫޑޯ" އެވެ.
ކާތިކާއި ޓްރިޕްތީގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ބޫލް ބުލައްޔާ 3" ރިލީޒްކުރާނީ ނޮވެމްބަރުގައި ފާހަގަކުރާ ދިވާލީގެ ތެރޭގަ އެވެ. މި ފިލްމަކީ ކާތިކްގެ 2022 ގެ ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" ގެ އާ ބައެކެވެ.
ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 14 ގައި ރިލީޒްކުރާ ޑައިރެކްޓަރު ކަބީރު ޚާންގެ "ޗަންދޫ ޗެމްޕިއަން" އެވެެ. ޓްރިޕްތީގެ ކުރިއަށް އޮތް ފިލްމަކީ ޖުލައިގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ޖުލައި 19 ގައި ގެނެސްދޭން ހަމަޖެހިފައިވާ "ބޭޑް ނިއުސް" އެވެ.