Last Updated: February 7, 21:01
Friday, February 7, 2025
ޚަބަރު

ހަންކެޑެ ބްރިޖު ޖުލައި މަހު ހުޅުވަނީ

އައްޑޫ ހަންކެޑެއާ ދިމާލުން އަޅާފައިވާ އާ ބްރިޖު އަންނަ ޖުލައި މަހު ހުޅުވުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ މިހާތަނަށް މި މަޝްރޫއުގެ 87 ޕަސެންޓް މަަސައްކަތް ނިމިފައިވާ ކަމަށާއި މި ބްރިޖުގެ މަސައްކަތް ނިންމައި ޖުލައި މަހުގެ ތެރޭގައި ހިދުމަތަށް ހުޅުވާލެވޭނެ ކަމަށެވެ.

މި ބްރިޖް ހަދާފައި ވަނީ ކުރިން ބްރިޖަކުން ހަންކެޑެއާ ގުޅުވާފައި އޮންނަ ގައުކެނޑި އާއި މަރަދޫ ގުޅޭ ގޮތަށެވެ. އެގޮތުން މަރަދޫ ފަޅިން ބްރިޖް ގުޅުވާފައި ވަނީ އެ އަވަށުގެ ބޮޑުގެ މަގުގެ ކޮޅުންނެވެ.

މި އާ ބްރިޖަކީ ހަންކެޑެ އާއި ގައުކެނޑި ގުޅުވާފައި އޮތް ބްރިޖްގެ ބަދަލުގައި ދެން ދަތުރު ކުރަން ޖެހޭ ގޮތަށް ހެދި ބްރިޖެކެވެ. މީގެ އެންމެ ފަހުގެ މަސައްކަތްތައް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ވަރަށް ބާރަށް ދަނީ ކުރަމުންނެވެ.

މި ބްރިޖް ހެދުމުގެ އަމަލީ މަސައްކަތް އެފްކޮންސް އިން ފެށީ 2021 ގަ އެވެ.

ހަންކެޑެ-ގައުކެނޑި ބްރިޖް ބަދަލުކުރަން ނިންމީ އިިންޓަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާތީ އެވެ. އެގޮތުން މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ އަކީ ލިންކްރޯގެ ބައެއް ވެސް އޮތް ތަނެކެވެ. ނަމަވެސް ދެ ލޭނަކަށް އަލަށް ހެދި ބްރިޖާ އެކީ ކުރިއަށް އޮތް ތަނުގައި މިހާރު ހަންކެޑެ ތެރެއިން ދަތުރު ކުރެވޭ ގޮތަށް ދަތުރެއް ނުކުރެވޭނެ އެވެ.

ހަންކެޑެ ތަރައްގީ ކުރަން ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ.

ހަންކެޑެ ތަރައްގީ ކުރަން ނިންމާފައި ވަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ހަންކެޑެ މަޝްރޫއުގެ ސަބަބުން އައްޑޫގައި 1،900 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން ދާނެ އެވެ.