Last Updated: January 9, 13:35
Thursday, January 9, 2025
ދުނިޔެ

ފްލައިޓެއްގެ އިންޖީނުތެރެއަށް މީހަކު ވެއްޓި މަރުވެއްޖެ

ނެދަލޭންޑްސް އިން ޑެންމާކަށް ފުރަން ތައްޔާރުވެފައި އޮތް ކޭއެލްއެމް އެއާލައިންސްގެ މަތިންދާބޯޓެއްގެ އިންޖީނުތެރެއަށް މީހަކު ވެއްޓި މަރުވެއްޖެ އެވެ.

މި ހާދިސާ އިއްޔެ ހިނގާފައި ވަނީ އެމްސްޓަޑަންގެ ޝިފޯލް އެއާޕޯޓްގަ އެވެ. އިއްޔެ މެންދުރު ހިނގި މި ހާދިސާގެ ވާހަކަ ނެދަލޭންޑްސްގެ ރޯޔަލް މިލިޓަރީ ޕޮލިހުން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

މި ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އެހެންވެ ބޯޓްގެ އިންޖީނުތެރެއަށް ވެއްޓުނީ ޕެސެންޖަރެއް ކަމެއް ނުވަތަ ބޯޓްގެ މުވައްޒަފެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު ބޯޓްގެ އިިންޖީނުތެރެއަށް މީހަކު ވެއްޓި މަރުވި އިރު، އިންޖީނު އޮތީ ޖައްސައިފައި ކަމަށް ނެދަލޭންޑްސްގެ ގައުމީ އެއާލައިން، ކޭއެލްއެމުން ނެރުނު ބަޔާނެއްގައި ބުންޏެވެ. ނަމަވެސް ހާދިސާ ހިނގަން ދިމާވި ގޮތާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ހިތާމަވެރި ހާދިސާ ހިނގި ޝިފޯލް އެއާޕޯޓަކީ ޔޫރަޕްގެ އެންމެ ބިޒީ އެއް އެއާޕޯޓެވެ. އިއްޔެގެ ހާދިސާއާ ގުޅިގެން އެ އެއާޕޯޓުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް މަރުވި މީހާގެ އާއިލާ އަށް ތައުޒިޔާ ފޮނުވާފައިވެ އެވެ.