ފެމިލީ އެންޑް ސޯޝަލް މިނިސްޓްރީން "ހާލު ކިހިނެތް؟" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.
މުޅި ރާއްޖޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އާއިލާތަކުގެ ހާލަތު ގާތުން ބަލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުމާއި އެއްބާރުލުން ދިނުމެވެ.
"ހާލު ކިހިނެތް؟" ޕްރޮގްރާމް ރަސްމީކޮށް އިއްޔެ ހަވީރު ފެށީ ހުޅުމާލެއިންނެވެ.
މި ޕްރޮގްރާމާ ގުޅޭ ގޮތުން ފެމިލީ އެންޑް ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމު ވިދާޅުވީ ދަޢުލަތުގެ އަޅާލުމާ އޯގާތެރިކަން އެކި ގޮތްގޮތުން ބޭނުންވާ މީހުން މުޖުތަމަޢުގައި އެބަތިބި ކަމަށެވެ. އެހެންވެ އަލަށް ފެށި ޕްރޮގްރާމްގެ މަގުސަދަކަށް ވާނީ ރައްޔިތުންގެ ގާތަށް ގޮސް، ހާލު ބަލާ، މުޖުތަމަޢުގައި ނާޒުކު ފައްތަރެއްގައި ތިބި އާއިލާތަކާ މީހުން ދެނެގަނެ، ދަޢުލަތުން އެމީހުންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮ ށްދިނުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއީ އަމާން އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި މީގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ ކޮންމެ ޢާއިލާއަކަށް ޒިޔާރަތްކޮށް ހާލު ބަލާނެ ކަމަށެވެ.
"ބޭނު ންވަނީ ސަރުކާރާ މުޖުތަމަޢުއާ ގުޅުން ބަދަހިކުރުން. ބޭނުން ވަނީ މުޖުތަމަޢުގެ މައްސަލަތައް ބޮޑު ނުވަނީސް، ބޮޑު ގެއްލުމެއް ކުރިމަތި ނުވަނީސް އެކަންކަން ދެނެގަނެ އެކަންކަން ޙައްލުކުރަން މަސައްކަތް ކުރުން،" އައިޝަތު ވިދާޅުވި އެވެ. "މުޖުތަމައު އަށް ހެޔޮ ބަދަލެއް ގެނައުން ބޭނުމަކީ."
މިނިސްޓަރު ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދާ އިރި ބޭނުންވާ މަޢުލޫމާތު އެއްކުރަން މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ޢާއިލާތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރުމަށް ސަރުކާރާ އެކީ ޖަމިޢިއްޔާ ޖަމާޢަތްތަކުން ވެސް ބައިވެރިވުމަށް އެދިވަޑައިގަތެވެ.
މިނިސްޓަރު ވިދާޅުވީ އެއްކުރާމަޢުލޫމާތުތަކަށް ބިނާކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށެވެ. އެވެ.