ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ ސަބަބުން މަރުވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ އިން އަންދާޒާ ކުރާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ 90 ޕަސެންޓް ހިރާސް އަކީ ސީދާ ދުންފަތް ކަމަށާއި އަދި ގައިން ގަޔަށް ނާރާ ބަލިތަކުގެ ހިރާސް ކަމުގައި ވެސް ދުންފަތް ހިމެނޭ ކަމަށެވެ. އަދި ދިގު މުއްދަތަށް ނުވަތަ އުމުރު ދުވަހަށް ފަރުވާ ކުރަންޖެހޭ ސްޓްރޯކް، ހިތުގެ ބަލި، ފުއްޕާމެއާ ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަކުރު ބަލީގެ ހިރާސްއަކަށް ވެސް ދުންފަތް ވެފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
"ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން (ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއްދުވަހު އެކަކު) ސީދާ ދުންފަތުގެ ސަބަބުން މަރުވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާ ކުރޭ،" މިނިސްޓްރީގެ ރިޕޯޓުގައިވެ އެވެ.
ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓު އެތެރެކުރާ ކަމަށާއި މިއީ 1.8 ބިލިއަން ރުފިޔާގެ ހޭދަ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ޝީޝާގައި ބޭނުންކުރާ ދުންފަތާއި އީ ސިނގިރޭޓް އެތެރެ ކުރުމަށް އެތައް ލައްކަ ރުފިޔާއެއް އަހަރެއްގެ މައްޗަށް ހޭދަކުރާއިރު ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދަ އިން ބޮޑު ހޭދައެއް ކުރަންޖެހޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން މި ބަލިތައް ތަހަންމަލުކުރާ ޒުވާން އާބާދީ ބޮޑުވުމުގެ ނަތީޖާއަކީ އެކަމުގެ ނޭދެވޭ އަސަރު ގައުމުގެ އުފެއްދުންތެރިކަމާއި ތަރައްގީއާއި އިގުތިޞާދަށް ކުރުން ކަމަށްވެސް ބުނެފައިވެ އެވެ.