Last Updated: November 29, 14:10
Friday, November 29, 2024
މުނިފޫހިފިލުވުން

އަރުޖުން އާއި މަލައިކާ ރުޅިވީ!

ރައްޓެހިވެގެން އުޅޭތާ މިހާރު ހައެއްކަ އަހަރުވެފައިވާ ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ މިހާރު ރުޅިވެފައިވާކަމުގެ އަޑުތަކެއް އަނެއްކާ ވެސް އަޑު އަރައިފި އެވެ.

ކުރިން ވެސް މިފަދަ އަޑުތަކެއް އަރާފައިވެ އެވެ.

ޕިންކްވިލާ އިން މިއަދު ބުނީ އަރުޖުން އާއި މަލައިކާ ވަކިވެފައިވާ ކަމަށާއި އެކަމަށް މިހާރު ދުވަސްކޮޅެއް ވެސް ވެއްޖެ ކަމަށެވެ. އެކަމަކު އެ ވާހަކަ ރަސްމީކޮށް ދެ މީހުން ވެސް ދައްކަން ބޭނުން ނުވާ ކަމަށް އެ ނޫހުން ބުންޏެވެ.

އަރުޖުން، 38، އާއި މަލައިކާ، 58، ރައްޓެހިވީ 2018 ގަ އެވެ. މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ކައިވެނި 2017 ގައި ރޫޅައިލި އިރު، ފިރިހެން ދަރިޔަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 21 އަހަރުގެ އަރުހާން ޚާނެވެ.

އަރުހާން ދާދި ފަހުން ޔޫޓިއުބްގައި "ޑަމް ބިރިޔާނީ" ގެ ނަމުގައި ފެށި ޕޮޑްކާސްޓް ޝޯއެއްގައި މަންމަ މެހުމާނެއްގެ ގޮތުގައި ބައިވެރިކޮށް ދެކެވެނު ވާހަކަތަކުގެ ތެރޭގައި، ކައިވެނި ކުރަނީ ކޮން އިރަކުންތޯ ވެސް އަހާފައިވެ އެވެ.

އަރުހާންގެ ބައްޕަ އަރުބާޒް ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝޫރާ ޚާން ކިޔާ މޭކަޕް އާޓިސްޓަކާ ކައިވެނިކޮށްފި އެވެ.

އަރުޖުން އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަރުޖުން އަކީ ބަތަލާއިން ކަމަށްވާ ޖާންވީ ކަޕޫރާއި ހުޝީ ކަޕޫރްގެ އެއްބަފާ ބޭބެ އެވެ.

އަރުޖުން އާއި މަލައިކާ ވަކިވިވެއްޖެކަމުގެ ވާހަކަތައް މިހާރު އަނެއްކާ ވެސް ހޫނުކޮށް ދެކެވެމުން އަންނަ އިރު، މި ދެ މީހުންގެ ކައިވެނީގެ ވާހަކަތަކެއް ވެސް ދޭތެރެ ދޭތެރެ އިން މީޑިއާތަކުގައި ދެކެވެ އެވެ. ނަމަވެސް މިހާތަނަށް އަރުޖުން ގުޅުމާ ބެހޭ ދީފައިވާ ހުރިހާ އިންޓަވިއުއެއްގައި ވެސް ބުނެފައިވާ ގޮތުގައި އޭނަ އަދި ވެސް ކައިވެންޏަށް ތައްޔާރެއް ނޫނެވެ.