Last Updated: November 26, 06:34
Tuesday, November 26, 2024
ޚަބަރު

އިޒްރޭލު ޕާސްޕޯޓާ ގުޅޭ ބިލަށް އާޒިމާގެ ކަންބޮޑުވުންތަކެއް

އިޒްރޭލު މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށް އެ މީހުން ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލުގެ މަގުސަދާ މެދު ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރް ސުވާލު އުފައްދަވައިފި އެވެ.

މީކާއިލް ހުށަހެޅުއްވި ބިލުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމެވެ.

އެ ބިލާ ގުޅޭ ގޮތުން އާޒިމާ ފޭސްބުކް ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ ބިލުގައި ފަންނީ މައްސަލަތަކެއް އެބަހުރި ކަމަށާއި ޑުއަލް ސިޓިޒަންޝިޕް ނުވަތަ އިޒްރޭލުގެ ޕާސްޕޯޓެއް އޮތް މީހަކު އެހެން ގައުމެއްގެ ޕާސްޕޯޓެއްގައި ވެސް ރާއްޖެ އެތެރެ ނުވެވޭނޭ ކަމަށް ބިލުގައި ލިޔެފައިވާ މާއްދާ އަކީ ހާރިޖީ ސިޔާސަތުގެ މައްސަލައެއް ކަމަށެވެ. އަދި އޭގެ މަފްހުމަކީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުން ކަމަށް ވިދާޅުވި އެވެ.

"އެއީ އިސްރާއީލްގެ ޕާސްޕޯޓް ރާއްޖޭގައި ބަލައިނުގަތުން. މިއީ ޤާނޫނީ ފުރިހަމަ ޙައްލުތަކަކަށް ވުރެ، ޚާރިޖީ ސިޔާސަތާއި، އިސްރާއީލްގެ ސަރުކާރުން ފަލަސްޠީނާމެދު ގެންގުޅޭ ސިޔާސަތުތަކާއި އަދި ފަލަސްޠީނުގެ ރައްޔިތުންނާމެދު ކަންކުރާ ގޮތާ ބެހޭ ގޮތުން، ދިވެހި ސަރުކާރުން އަދި ދިވެހި ރައްޔިތުންދޭ ރައްދެއް،" އޭނަ ވިދާޅުވި އެވެ. "އެހެންކަމުން އެއްވެސް ޙާލެއްގައި ޑުއަލް ސިޓިޒަންޝިޕް އޮތް މީހަކު އިސްރާއީލުގެ ޕާސްޕޯޓު ނޫން ޕާސްޕޯޓެއްގައި އެތެރެވުން މަނާކުރަން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ."

އާޒިމާ ވިދާޅުވީ ރާއްޖެ އަންނަ ކޮންމެ މީހަކު އެހެން ޕާސްޕޯޓެއް އޮތްތޯ ބަލައި ހޯދޭނޭ ކަމަކަށް ވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ބަލާއިރު އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އަންނަ ވަރަ ށްވެސް ފަތުރުވެރިން މަދު.
ހަމައެއާއެކު، ކުރީގެ ސަރުކާރުގައި އެމްޑީޕީގެ ފުރިހަމަ އަޣްލަބިއްޔަތު ރައްޔިތުންގެ މަޖިލީހުގައި އޮވެފައި، އިސްރާއީލްގެ ޕާސްޕޯޓުގައި މީހުން އެތެރެވުން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނާޅުއްވާފައި، މިއަދު މިބިލް ހުށަހެޅުއްވީމާ އެކަމުގެ ސުވާލު އުފެދޭ." އޭނަ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ނިކަމެތި ޙާލަކީ ސިޔާސީ ގޮތުން ޖަހަން ގެންގުޅޭ ބޯޅައަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

"ޤައުމެއްގެ ޙައިސިއްޔަތުން އިޚްލާސްތެރިކަމާއެކު މި މައްސަލައިގައި ގޮތްތަކެއް ނިންމަން ޖެހޭ. އިސްލާމީ އުންމަތުގެ ބައެއްގެ ޙައިސިއްޔަތުން. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާ ޤައުމެއްގެ ހައިސިއްޔަތުން ވެސް މެ،" އޭނަ ވިދާޅުވި އެވެ. "އެވެ. "މިއީ އަޅުގަނޑުގެ އިލްތިމާސް."