ޤުރުއާން ހިތުދަސްކުރާ މީހުންގެ އިމްތިހާނު މުރާޖާކުރަން މާލެ ދާން ނުޖެހޭ ގޮތަށް "ހާފިޒުން އިމްތިހާނުކުރުމުގެ އުސޫލު" ބަދަލުކޮށްފި އެވެ.
އާ ގަވާއިދުގައިވާ ގޮތުން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ ގުރުއާން ހިތުދަސްކޮށްދޭ ކްލާހެއްގައި އުޅޭ ދަރިވަރަކު ހާފިޒުކަމުގެ އިމްތިހާނުކޮށްދިނުމަށް އެދި، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒަށް ނުވަތަ އެ މަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުމުން އެ ދަރިވަރަކު އިމްތިހާނުކޮށްދޭނެ އެވެ.
ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައި ރަޖިސްޓްރީނުކޮށް ހިންގާ ކްލާސްތަކުގެ ދަރިވަރުންނާއި އަމިއްލަ ގޮތުން ގުރުއާން ހިތުދަސްކޮށްގެން ވެސް ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވެވޭނެ އެވެ.
ނަމަވެސް ދަރިވަރުގެ ކިބައިގައި ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވުމުގެ ފެންވަރު ހުރިކަން ގުރުއާނާ ބެހޭ މަރުކަޒުން ކަނޑައަޅާ ފަރާތަކަށް ކިޔައިދޭން ޖެހޭނެ އެވެ. އަދި މަރުކަޒުގައި ދަފްތަރުކޮށްފައިވާ ހާފިޒެއްގެ ފަރާތުން ދަރިވަރުގެ ކިބައިގައި ހާފިޒުކަމުގެ ފެންވަރު ހުރިކަން އަންގައިދޭ ލިޔުމެއް ވެސް ބޭނުން ވާނެ އެވެ.
އެގޮތުން ހާފިޒުކަމުގެ އިމްތިހާނުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމާ އެކީ ގުރުއާނާ ބެހޭ މަރުކަޒުން ނުވަތަ އެ މަރުކަޒުގެ ކޮމިޓީއިން އެ ދަރިވަރުގެ އިމްތިހާނު އޮންނަ ދުވަސް ކަނޑައަޅާނެ އެވެ.
ހާފިޒުން އިމްތިހާނުކުރާ އުސޫލަށް ގެނެވުނު ބަދަލާ ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ރަށްރަށުގައި ތިބެ ގުރުއާން ދަސްކޮށްގެން ހަމައެކަނި އިމްތިހާނަށް މާލެ ދާ ގޮތަށް އަދި އިސްލާމިކް ޔުނިވާސިޓީގައި ގުރުއާން ދަސްކޮށް، އެތަނުން އިމްތިހާނު ހަދާ ދަރިވަރުން އިތުރު އިމްތިހާނަކާ ނުލައި ހާފިޒުންގެ ގޮތުގައި ބަލައިގަތުމަކީ ދަރުވަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށެވެ.
"ކުރިން އޮންނަނީ މުރާޖާ ކުރަން ވެސް މާލެ އަންނަ ގޮތަށް. މި ގެނެވުނު ބަދަލުން ވަރަށް ބޮޑު ލުއިފަސޭހަތަކެއް އަންނާނެ." މިނިސްޓަރު ވިދާޅުވި އެވެ.
އާ އުސޫލުގެ ދަށުން ހާފިޒުކަމުގެ އިމްތިހާނުން ދަރިވަރު ފާސްވެފައިވާ ނަމަ 30 ދުވަހުގެ ތެރޭގައި އެ ދަރިވަރެއްގެ ނަން ހާފިޒުންގެ ދަފުތަރުގައި ހިމަނާނެ އެވެ. އަދި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް އެކަން އަންގާނެ ޖެހޭނެ އެވެ.