ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެންބަރުކަން ފަލަސްތީނަށް ލިބުމުން ދިވެހިރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދޭން ފާސްކޮށްފައިވަނީ 101 ގައުމުގެ ވޯޓުންނެވެ. މިކަމާ ދެކޮޅަށް 5 ގައުމަކުން ވޯޓު ދީފައިވާއިރު ވަކިކޮޅަކަށް ވޯޓު ނުދީ 21 ގައުމަކުން ތިއްބެވެ.
މި ނިންމުމަށް މަރުހަބާ ކިޔާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ނިންމުމަކީވެސް ދުނިޔޭގެ ގައުމުތަކުން ފަލަސްތީނަށް ތާއީދުކުރާކަން އަންގައިދޭ ކަމެއް ކަމަށެވެ. މިނިސްޓަރު ޒަމީރު ވިދާޅުވީ މި ނިންމުމާ ގުޅިގެން ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެންބަރު ގައުމެއްގެގޮތުގައި ބަޔާން ދިނުމާއި، ހުށަހެޅުންތަކާއި އިސްލާހުތައް ހުށަހެޅުމާއި ކޯ ސްޕޮންސަރ ކުރުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވީ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރިން ބޯޑަރު އޮތްގޮތަށް އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި ކަނޑައެޅުމަށް އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ.
At the 77th World Health Assembly (#WHA77), the #Maldives co-sponsored and voted in favour of the resolution to align the participation of the State of #Palestine in the @WHO with its participation in the @UN.
This groundbreaking decision is yet another sign that a majority of… https://t.co/ChKOVny2OC
— Moosa Zameer (@MoosaZameer) June 2, 2024
މިނިސްޓަރު ޒަމީރުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑަބްލިއުއެޗްއޯގެ މެންބަރުކަން ފަލަސްތީނަށް ދޭން 101 ގައުމުން ވޯޓު ދިނުމަކީ، ފަލަސްތީނު ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ގައުމުތަކުގެ ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފަލަސްތީނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރުމަށް އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ މެމްބަރުކަން ލިބުމުން ވޯޓުތަކުގައި ބައިވެރިވުން ފިޔަވައި، އެހެން މެންބަރު ގައުމުތަކަށް ލިބޭ ހުރިހާ ހައްގެއް ފަލަސްތީނަށް ވެސް ލިބޭނެއެވެ.