ޕާކިސްތާނުން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު އެއް ސިލްސިލާ ކަމަށްވާ "ޒިންދަގީ ގުލްޒާރު ހޭ" ގެ ލީޑް ތަރިން ކަމަށްވާ ފަވާދު ޚާނާއި ސަނަމް ސައީދު އެކީގައި ކުޅޭ އާ ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.
އިންޑިއާގެ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ސޮނީ ލިވް އެޕަށް ހަދާ މި ސީރީޒްގެ ނަމަކީ "ޝަންދޫރު" އެވެ. މީގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ސީރީޒްގެ ޓީމުން އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. "ޝަންދޫރު" ގައި ފަވާދު ކުޅެނީ ގޯލްފަށް ވަރަށް ލޯބިކުރާ ޕާކިސްތާންގެ ޗިތުރަލް އަށް ނިސްބަތްވާ ޕްރިންސެއްގެ ރޯލެވެ.
އުމޭރާ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާ ސީރީޒްގެ ޑައިރެކްޓަރަކީ ފަވާދާ އެކީ ކުރިން "ބޭހަދު" ގެނެސްދިން އާސިމް ރަޒާ އެވެ. "ޝަންދޫރު" ގެ ކާސްޓްގައި މިކާލް ޒުލްފިހާރާއި ހީރާ ޚާން ވެސް ހިމެނެ އެވެ.
ފަވާދާއި ސަނަމް އެކީގައި މި ފަހުން "ބަރުޒަހް" ކިޔާ ވެބް ސީރީޒަކާއި "ޖޯ ބަޗޭ ހޭ ސަމައިތު ލޯ" ގެ މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު އަދި ސީރީޒްތައް ޕްރީމިއާއެއް ނުކުރެ އެވެ. ވަރަށް މަގުބޫލު ސްކްރީން ޖޯޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފަވާދާއި ސަނަމްގެ "ޒިންދަގީ ގުލްޒާރު ހޭ" އަކީ ހަމް ޓީވީން 2012-2013 އަށް ގެނެސްދިން އެއްޗެކެވެ.
ފަވާދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މަނީ ބެކް ގެރެންޓީ" އެވެ. އޭނަ ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅުނެވެ. އެއީ "ދިލް ހެ މުޝްކިލް" އާއި "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން "ހޫބްސޫރަތު" އެވެ.