Last Updated: January 16, 10:20
Thursday, January 16, 2025
ޚަބަރު

މޫސަގެ މަރު: ސައްމާހް ބަންދު ނުކުރުމުން ސުޕްރީމް ކޯޓަށް

އިބްރާހިމް ސައްމާހް އަހްމަދު ފަތުހީ އޭނާގެ ވަކީލާއެކު ހައިކޯޓުގެ އަޑުއެހުމެއްގައި-

2017 ވަނަ އަހަރު މާލޭގައި މޫސާ އަހުމަދުމަނިކު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިބްރާހިމް ސައްމާހް އަހްމަދު ފަތުހީ ބަންދު ނުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މޫސާ އަހުމަދުމަނިކު މަލާރި މައްސަލައިގައި ޕީޖީން އިބްރާހިމް ސައްމާހް އަހްމަދު ފަތުހީގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ދައުވާ އަދި މަޤްބޫލު ސަބަބެއްނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ދެ ދައުވާވެސް ސައްމާހުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2024 ޖެނުއަރީ 22 ވަނަ ދުވަހުއެވެ.

ސައްމާހުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ މައްސަލަ ޕީޖީން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި އެ މައްސަލަ ހައިކޯޓުގައި ނިމެންދެން ސައްމާހު ބަންދުކުރަން ޕީޖީން އެދުމުން ހައިކޯޓުން މާޗް 28 ގައި ނިންމާފައިވަނީ، ސައްމާހު ޝަރީއަތް ނިމެންދެން ބަންދުކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ އެ ނިންމުން ބާތިލުކޮށް ސައްމާހުގެ ބަންދާމެދު ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް ނިންމާފައެވެ.

އެހެންނަމަވެސް ހައިކޯޓުން މިދިޔަ ހަފުތާގައި އަނެއްކާވެސް ނިންމާފައިވަނީ ސައްމާހު ބަންދުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ހައިކޯޓުގެ އެ ނިންމުން މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.

މި މަސްލައިގައި ޕީޖީން ކްރިމިނަލް ކޯޓުގައި އުފުލި ދައުވާގައި ބުނެފައިވަނީ، 2017 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިބްރާހިމް ސައްމާހް އަހްމަދު ފަތުހީ އިތުރު ބަޔަކާއެކު، މާލޭގައި ހުންނަ ކަޅިރަވަ ފިހާރަ ކައިރިން މޫސާ އަހުމަދުމަނިކު އިތުރު ބަޔަކާއެކު ސައިކަލުގައި ދުއްވާފައި ދަނިކޮށް، އެމީހުންގެ ފަހަތުން ގްރޫޕު ހަދައިގެން ގޮސް، އެމީހުންނާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގަން ފެށުމުން، މޫސާ އަހުމަދުމަނިކް އެމީހުންގެ ކިބައިން ސަލާމަތްވުމަށް ދުއްވައިގަތުމާއެކު، ސައްމާހުގެ އަތުގައިއޮތް ވަޅިއަކުން މޫސާ އަހުމަދުމަނިކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އެ އަނިޔާތަކާ ގުޅިގެން މޫސާ އަހުމަދުމަނިކު ނިޔާވެފައިވާ ކަމަށެވެ.