ނަވާރަ ވަނަ ރައްޔިތުން މަޖިލީހުން ރުހުން ނުދިން މި ސަރުކާރުގެ ތިން މިނިސްޓަރަކަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށް ވޯޓު ނަގަން ތާވަލުކޮށްފި އެވެ.
ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހިމް އަލީ ސައިދާއި ހައުސިން މިނިސްޓަރު އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށެވެ. މި ތިން މިނިސްޓަރުންނަށް މަޖިލީހުން ރުހުން ނުދިން ނަމަވެސް އެ ބޭފުޅުން އަލުން މަގާމުތަކަށް އައްޔަން ކުރައްވައި، އަލުން ރުހުން ހޯދަން ވެސް 19 ވަނަ މަޖިލީހަށް ފޮނުވި އެވެ.
މިދިޔަ މަހުގެ 28 ގައި ހުވާކުރި 20 ވަނަ މަޖިލީހަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކަށްވާތގީ ތިން މިނިސްޓަރުންނަށް ވެސް ރުހުން ދޭނެ އެވެ. މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން 75 މެމްބަރުންނަކީ ޕީއެންސީގެ މެންބަރުންނެވެ.
މީގެ އިތުރުން މާމިގިލީ ގާސިމް އިބްރާހިމާއި ކާނަލް މުހައްމަދު ނަޒީމާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އިތުރުން އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދައިރާއަށް އިންތިހާބުވީ މުހައްމަދު އައްބާސް އަކީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންނެވެ.
އެމްޑީޕީގެ ތިބީ 12 މެމްބަރުންނެވެ. އަދި މިނިވަން މެމްބަރުންގެ އަދަދަކީ ދޭކެވެ.