Last Updated: November 29, 10:25
Friday, November 29, 2024
މުނިފޫހިފިލުވުން

"ހީރާމަންޑީ 2" ހަދަން ނިންމައިފި

ނެޓްފްލިކްސް އިން މިދިޔަ މަހު ޕްރީމިއާކޮށް، ބޮޑު ތަރުހީބެއް ލިބުނު ސީރީޒް "ހީރާނަންޑީ: ދަ ޑައިމަންޑް ބާޒާރު" ގެ ދެވަނަ ސީޒަނެއް ހަދާނެކަން އިއުލާންކޮށްފި އެވެ.

އޭނަ މީގެ ހަފުތާއެެއްހާ ދުވަސް ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ދެވަނަ ސީޒަނަކަށް ނެޓްފްލިކްސް އެދޭ ނަމަ އެ މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށެވެ. އެގޮތުން ސީޒަން ދޭއް ވަނީ އިއްޔެ މުމްބާއީގައި ބޭއްވި ކުލަގަދަ އިވެންޓެއްގައި ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން ވެރައިޓީ އަށް ނެޓްފްލިކްސް އިންޑިއާގެ ކޮންޓެންޓް ވައިސް ޕްރެޒިޑެންޓް، ޝެރްގިލް ބުނީ ބަންސާލީއާ އެކީ ޖާދޫއެއް ފަދަ ޑައިރެކްޓަރެއް ކަމަށާއި އެކަން "ހީރާމަންޑީ" އިން އިތުރަށް ދައްކުވައި ދީފި ކަމަށެވެ. އަދި ސީރީޒް ދެވަނަ ސީޒަނެއް ހަދަން ނިންމުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

ވެރައިޓީއާ ވާހަކަ ދައްކަމުން ބަންސާލީ ބުނީ ދެވަނަ ސީޒަން ބިނާކުރާނީ އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުމާ އެކީ ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ހަޔާތް ދެން ބަދަލުވެގެން ދިޔަ ގޮތަށް ކަމަށެވެ. އެގޮތުން އޭގެ ފަހުން ޖާރިއާ އިން މުމްބާއީ އާއި ކަލްކަތާ އަށް ދިރިއުޅުން ބަދަލުކޮށް ފިލްމުތަކުގައި މަސައްކަތް ކުރަން ފެށި ކަމަށް ބުންޏެވެ.

"އެހެންވެ އެ ބައި ދެވަނަ ސީޒަނުން ގެނެސްދޭނަން." ބަންސާލީ ބުންޏެވެ.

އަށް އެޕިސޯޑްގެ "ހީރާމަންޑީ" ގައި ދައްކުވައި ދިނީ 1920-1947 އާ ދެމެދުގެ ހާދިސާތަކެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ސީރީޒްގެ ލީޑް ތަރިންނަކީ މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންހާ، އަދިތީ ރާއޯ ހައިދަރީ، ސަންޖީދާ ޝެއިހް، ރިޗާ ޗައްޑާ އަދި ޝަރުމިން ސޭގަލް އެވެ.

ސީރީޒްގެ ފިރިހެން ކާސްޓްގައި ފަރުދީން ޚާން، ތާހާ ޝާހް، ޝޭކަރް ސުމަން އަދި އޭނަގެ ދަރިފުޅު އަދިޔަޔަން ސުމަން ހިމެނެ އެވެ.

"ހީރާމަންޑީ 2" އިއުލާންކުރި ނަމަވެސް އެ ސީޒަންގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ބަންސާލީ މިހާރު އަންނަނީ އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ލަވް އެންޑް ވޯ" ގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އަންނަ އަހަރުގެ ޑިސެމްބަރަށް ތާވަލުކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ ބަންސާލީގެ އެންމެ ފަހުގެ ފިލްމު 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" ގެ ބަތަލާ އާލިއާ ބަޓާއި ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލެވެ.