އައްޑޫން ސަޕްލައި ފެނުގެ ހިދުމަތް ކެނޑޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށްޓަކައި އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލެވެ. މިއީ މިދިޔަ މަހުގެ 28 ގައި ހިވާކުރި 20 ވަނަ މަޖިލީހުގެ ފުރަތަމަ ކުއްލި މައްސަލަ އެވެ.
ނާޒިލު ހުށަހެޅުއްވި މައްސަލަ ބަލައިގަތުމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވެސް ވީޜް ދީ ބަލައިގެންފައިވާ އިރު، އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑްކުރަން ސަރުކާރުން އޮތީ އެޕްރީލް މަހުގެ ތެރޭގައިއެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފަ އެވެ.
ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ސާފު ފެން ފޯރުކޮށް ދިނުމުގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށާއި ދިމާވެފައިވާ ދަތިތައް މިހާރުން މިހާރަށް ހައްލުކުރަން ގޮވައިލައްވާ ކަމަށެވެ. އަދި އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ފެނުގެ ހިދުމަތް ކެނޑޭތީ ރައްޔިތުންނަށް އިންތިހާއަށް ގެއްލުންތައް ވަމުން އަންނަ ކަމަށް ވިދާޅުވެފައިވެ އެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި ނާޒިލް ވިދާޅުވީ ފެން ކެނޑޭ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން އާންމު ފަރުުދުންގެ އިތުރުން ވިޔަފާރިތަކަށް ވެސް އޭގެ ގެއްލުންތައް ވަމުންދާ ކަމަށެވެ.