ރައީސް ޑރ. މުޙައްމަދު މުޢިއްޒު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އާ މިއަދު ބައްދަލުކުރައްވައި ބައެއް ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ބައްދަލުކުރެއްވުމުގައި ރައީސާއި މަޖިލީހުގެ ރައީސް ވަނީ މި ވަގުތު ރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެއްވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ދެބޭފުޅުން ވަނީ ރާއްޖޭގެ އިގުތިސާދީ ދާއިރާގެ ކަންކަމާ ބެހޭ ގޮތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފަ އެވެ.
މީގެ އިތުރުންވެ ސަރުކާރުން ދިވެހި ރައްޔިތުންގެ ކުރިއެރުމަށް ކުރަން ރާވާފައިވާ ކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުން ވާނެ އެއްބާރުލުން ފުރިހަމަ އަށް ދެއްވާނެކަމުގެ ޔަގީންކަން އަދުރޭ ރައީސަށް ދެއްވި އެވެ.
މަޖިލީހުގެ މެންބަރުކަމުގެ ހުވާ މިދިޔަ މަހުގެ 28 ގައި ކުރެއްވުމުގެ ކުރިން އަދުރޭ ހުންނެވީ ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރެއްގަ މަގާމުގަ އެވެ. އޭނަ އަކީ މިހާރު ފޮނަދޫގެ މެންބަރެކެވެ.
މިހާރުގެ މަޖިލީހަކީ ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެކެވެ.