ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އައްޔަންކުރުމަށް މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމަށް ހުޅުވާލުމުން ރިޒާގެ ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އެވެ. އޭނަގެ ހުށަހެޅުއްވުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ތާއީދު ކުރެއްވި އެވެ. ޖޭއެސްސީގައި އިންނަވާ މަޖިލީސް މެމްބަރަކަށް ރިޒާ އައްޔަން ކުރުމަށް ވޯޓަށް އެހުމުން އޭނަގެ ނަން ފާސްވީ 83 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖޭއެސްސީގައި މަޖިލީހުގެ ރައީސް ވެސް އިންނަވަ އެވެ. މަޖިލީހުގެ މިހާރުގެ ރައީސަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. އޭނަ އަދި ޖޭއެސްސީ އަށް އައްޔަން ނުކުރެ އެވެ. މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި އެޓާނީ ޖެނެރަލާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ މެންބަރެއް ވެސް ޖޭއެސްސީގައި އިންނަވާނެ އެވެ.
ރިޒާ އަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ކުރިމިނަލް ކޯޓްގައި ވެސް މަސައްކަތް ކުރެއްވި އެވެ. ރިޒާ އަކީ ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި 18 ވަނަ މަޖިލީހުގެ ދައުރުގައި މަޖިލީހުގެ ފަރާތުން ޖޭއެސްސީގެ މެންބަރުކަން ކުރެއްވި އިބްރާހީމް ރިޒާގެ ކޮއްކޯފުޅެވެ.