އައްޑޫ ލިންކް ރޯޑް މިހާރު އޮތީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށާއި މި ސަރުކާރުން އެ މަގު މަރާމާތުކޮށް ދޭން މަސައްކަތް ކުރުމަކީ ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފަށް އަވަސް ހައްލެއް ލިބޭނެކަމުގެ އުންމީދެއް ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ފޭސްބުކް ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ ލިންކް ރޯޑަކީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައި އޮތް މަގަކަށްވުމުން، މަގު މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ މަރާމާތުކޮށް ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އާއި މިހާރުގެ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކައުންސިލުން އާދޭސް ދަންނަވާފައިވާނެ ކަމަށެވެ.
އަދި ދާދި ފަހުން ކުރިއަށް ގެންދިޔަ ހިތަދޫ ބޮޑުމަގުގެ ރީސާފޭސިން ކޮމްޕޯނަންޓް އުނިކޮށް ލިންކް ރޯޑް މަރާމާތު ކުރަން ވެސް ކައުންސިލުން ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެދުނު ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް އައްޑޫ މަގު ހަދަމުން އަންނަ ކުންފުނި، އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ އެކީ ހަދާފައިވާ އެއްބަސްވުމަށް ބަދަލު ގެނެވެން ނެތުމުން އެގޮތަށް އެކަން ކުރެވެން ނެތް ކަމަށް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"މިކަމަށް އަވަސް ހައްލެއް ހޯދުމަށް ދައުލަތުގެ މުވައްސަސާތަކާ އެކު މެދުނުކެނޑި މަޝްވަރާ ކުރިއަށްދާކަން ވެސް ފާހަގަކުރަން. އަދި ލިންކް ރޯޑު ހެދުމަށް އާރްޑީސީއާ ހަވާލުކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަންމިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު ވަނީ މިދިޔަ ހަފުތާގައި ވިދާޅުވެފައި،" ނިޒާރު ވިދާޅުވި އެވެ. "އުންމީދަކީ އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ މި ތަކުލީފަށް އަވަސް ހައްލެއް ސަރުކާރުން ހޯއްދަވައި ދެއްވުން."
އޭނަ ވިދާޅުވީ ލިންކް ރޯޑްގެ އެކި ހިސާބުތަކުގައި ބޮޑެތި ވަޅުގަނޑުތައް ވެސް ހެދިފައިވާތީ މަގު އޮތީ ބޭނުން ކުރަން ދަތިވާ ވަރަށް ވުރެ ވީރާނާވެފައި ކަމަށެވެ.
"[މިކަމުގައި] މި ވަގުތު ކައުންސިލަށް ކުރެވެން އޮތް ކަމަކީ ލިންކް ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތަކަށް ވެލި އެޅުންކަމަށް ވެފައި އެކަން މި ވަގުތުވެސް ކުރިއަށް ދާކަން ފާހަގަކުރަން." މޭޔަރު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ 2003 ގައި ބޭނުން ކުރަން ފެށި މި މަގަކީ 2001 ގައި އެންމެ 25 މިލިމީޓަރު ބޯމިނުގައި ތާރު އަޅައިގެން، އޭރު ލިބިފައި އޮތް ބަޖެޓަށް ފިޓްކޮށް ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ މަގެއް ކަމަށެވެ. މޭޔަރު ވިދާޅުވީ ތާރު އާންމު ގޮތެއްގައި އަޅާ އެންމެ ތުނި މިންވަރަކީ 40 މިލިމީޓަރު ކަމަށެވެ.
"ފާއިތުވެ ދިޔަ ތޭވީސް އަހަރު މި މަގު އެކި ވަރުގެ މަރާމާތު ކުރެވިފައިވޭ. ވަރަށް އާދައިގެ ވަސީލަތްތަކާ އެކު މަގުގައި ހެދޭ ވަޅުގަނޑުތައް ކައުންސިލް އިން ޕަބްލިކް ވޯކްސްގެ އެހީތެރިކަމާ އެކު މަރާމާތުކޮށްފައިވޭ. އައްޑޫގައި ހިންގާފައިވާހާ ޕްރޮޖެކްޓްތައް ހިންގުމަށް މުދާތައް އުފުލާފައި ވަނީ މި މަގުގައި،" އޭނަ ވިދާޅުވި އެވެ. "އަދިި މި ވަގުތު އައްޑޫގައި މި ހިންގޭ މަގު ހެދުމުގެ ބިޔަ ޕްރޮޖެކްޓް އާއި ބިންހިއްކުމުގެ މަސައްކަތުގެ ހުރިހާ މުދަލެއްް 24 ގަޑި އިރު ،20 ޓަނު އަދި 30 ޓަނުގެ ލޮރީތަކުގައި އެ އުފުލަނީ މި ލިންކް ރޯޑުގައި. އަދި މި މަގުގެ ހާލަތު މިހާ ނިކަމެތި ވެފައި މިވަނީ މި ޕްރޮޖެކްޓްތަކުގެ ތެރެއިންކަން ވެސް ފާހަގަކުރަން."
މިދިޔަ ހަފުތާގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓްގައި ނެތް ނަމަވެސް ލިންކް ވީހާ ވެސް އަވަހަކަށް މަރާމާތު ކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަން ދޭނެ ކަމެކެވެ. އެހެންވެ އެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.