ބޮލީވުޑްގެ ޒުވާން ތަރި ވަރޫން ދަވަން އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
އޭނަގެ އަންހެނުން ނަތާޝާ ދަލާލު ވިހެއީ މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލްގައި ރޭގަ އެވެ. ވަރޫން ބައްޕައަކަށްވިކަމުގެ ޚަބަރާ އެކީ ފޭނުން މިހާރު އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ވެސް ކިޔަމުންނެވެ.
ވަރޫން އާއި ނަތާޝާ އަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެެވެ. އެ ދެ މީހުން ކައިވެނިކުރީ 2021 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
ބޮލީވުޑްގެ މިހާރުގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވަރޫން އަކީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ހަގު ދަރިފުޅެވެ. ވަރޫންގެ ބޭބެ ޑައިރެކްޓަރު ރޯހިތު ދަވަންގެ ވެސް ދެ ކުދިން ތިބެ އެވެ.
ދެހާސް ބާރައިގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް ވަރޫން، 37، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބަވާލް" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ "ބޭބީ ޖޯން" އިންނެވެ. ދަރިއަކު ލިބުނު އިރު ވަރޫން އަންނަނީ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ މަސައްކަތް ކުރަމުންނެވެ.
ވަރަށް އަވަހަށް އޭނަ އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް: ހަނީ ބަނީ" އިން ވެސް ފެނިގެން ދާނެ އެވެ.