Last Updated: October 18, 05:52
Friday, October 18, 2024
މީހުން

މިއީ ދުނިޔޭގެ އެންމެ ޅަ ކުރެހުންތެރިޔާ

ދުނިޔޭގެ އެންމެ ޅަ ކުރެހުންތެރިޔާގެ ރެކޯޑް ގާނާގެ އެންމެ އެއް އަހަރުގެ ފިރިހެން ކުއްޖަކަށް ލިބިއްޖެ އެވެ.

އޭސް-ލިއަމް ނަނާ ސޭމް އަންކްރާގެ ނަން ދުނިޔޭގެ ރެކޯޑް ފޮތަށް އެރި އިރު، އެ ކުއްޖާގެ އުމުރަކީ 1 އަހަރާއި 152 ދުވަހެވެ.

އޭސްގެ މަންމަ އަދި އާޓިސްޓެއް ކަމަށްވާ ޝެންޓްލް ކިޔައިދިން ގޮތުގައި ދަރިފުޅުގެ ކިބައިގައި ކުރެހުމުގެ އާދަޔާހިލާފު ހުނަރުތަކެއް ހުރިކަން އެނގުނީ އެންމެ ހަ މަހުގަ އެވެ. އަދި އެކަން އެނގުމާ އެކީ ދަރިފުޅުގެ ހުނަރު ތަރައްގީކޮށް ދޭން ވަރަށް ބޮޑަށް މަސައްކަތް ކުރަން ފެށި ކަމަށާއި އޭސް ބޮޑުވަމުން އަންނަ ވަރަކަށް އޭނަގެ މޮޅުކަން ފާހަގަވަމުން އަންނަ ކަމަށް ޝެންޓްލް ބުންޏެވެ.

"ދަރިފުޅު ފިރުކެން ފެށި ދުވަސްވަރު އެއް ދުވަހަކު އަހަރެން ބިންމަތީގައި ކެންވަސްއެއް ބާއްވައިގެން ކުލަތަކާ އެކީ އުޅެނިކޮށް ދަރިފުޅު އައިސް ވަރަށް ގަތާވެގެން ކުލަތައް މިކްސްކޮށްގެން ވަރަށް ރީއްޗަށް ކުރެހުމެއް ތައްޔާރު ކުރީ،" އޭނަ ބުންޏެވެ. "އެ ކުރެހުން ބަލާލީމަ އެނގުނު ދަރިފުޅަށް އެބަ އެނގޭކަން ކުރެހުމުގެ ހުނަރުތައް. އެހެންވެ އެ ކެންވަސް އަށް "ދަ ކްރޯލް" ގެ ނަން ދީފައިވާ ވަރަށް ހާއްސަ އެއްޗެއްގެ ގޮތުގައި ރައްކާކުރީ."

ދުނިޔޭގެ ރެކޯޑް ފޮތުން އޭސް ޖާގަ ހޯދި އިރު، އެ ކުއްޖާ ވަނީ އަމިއްލަ ކުރެހުންތަކެއް ދައްކައިލި މައުރަޒެއްގައި ވެސް ބައިވެރިވެފަ އެވެ. އެގޮތުން ގާނާގެ މިއުޒިއަމް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން "ދަ ސައުންޑްއައުޓް ޕްރީމިއަމް އެގްޒިބިޝަން" ގެ ނަމުގައި ބޭއްވި މައުޒަރެއްގައި އޭސްގެ 20 ކުރެހުމެއް ބައިވެރިކުރި އެވެ. އޭގެ ތެރެއިން 10 ކުރެހުމެއް އެ މައުޒަރުގައި ވިއްކައި ވެސް ލި އެވެ.

ޝެންޓެލް ބުނީ ދަރިފުޅު ބޮޑަށް ލޯބިކުރަނީ ގަދަ ކުލަތަކުން "މާނަފުން" ކުރެހުންތަކެއް ގެނެސްދޭން ކަމަށެވެ. އެގޮތުން ގިނަ ކުލަތަކެއް ބޭނުންކޮށްގެން އޭސް ފުރިހަމަކުރާ ކުރެހުންތަކުން އެތައް މާނައެއް ދޭހަކޮށް ދޭނެ ކަމަށް ބުންޏެވެ.

"މިއީ ދަރިފުޅު އަބަދު ވެސް ވަރަށް ގަޔާވެގެން ކުރާ ކަމެއް. އެހެންވެ މިހާރު ވަރަށް ބޮޑު އިސްކަމެއް ދެން ދަރިފުޅުގެ މި ހުނަރު އިތުރަށް ތަރައްގީކޮށް، ކުރިއަރުވަން." ޝެންޓްލް ބުންޏެވެ.

އޭނަ ބުނި ގޮތުގައި ހުވަފެނަކީ ކުރެހުމުގެ ދާއިރާ އިން ވީހާ ވެސް ކުރިއަކަށް ދާން ދަރިފުޅަށް ފުތުސަތުތައް ހޯދައި ދިނުމެވެ. އެގޮތުން ބޭރުގެ ސްކޮލަޝިޕްތަކާއި ކުރެހުންތައް ބޭރަށް ވިއްކޭނެ ޕްލެޓްފޯމްތަކެއް ހޯދަން ވަރަށް ބޭނުންވާ ކަމަށް ބުންޏެވެ.

"ދަރިފުޅު އަދި ވަރަށް ކުޑަ. އެކަމަކު ދަރިފުޅާ މެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑު." ޝެންޓްލް ބުންޏެވެ.