Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

އައްޑޫ ފެނުގެ މައްސަލަ އަކީ ސަމާސާއެއް ނޫން

އައްޑޫން ސަޕްލައި ފެނުގެ ހިދުމަތް ކެނޑުމުގެ މައްސަލަ އަކީ ސަމާސާ އަދި ސިޔާސީ ޖަދަލަކަށް ހަދަން ޖެހޭ ކަމެއް ނޫން ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ފެނުގެ ހިދުމަތް ކެނޑޭ މައްސަލަ އެމްޑީޕީން ކުއްލި މައްސަލައެެއްގެ ގޮތުގައި އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސްކޮށްފައި ވަނިކޮށް، މޭޔަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ފެން ނުލިބި ރައްޔިތުން ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށެވެ.

"ފެން ނުލިބި ގޭގައި ނޫޅެވިގެން، އެނދުމަތިވެފައިވާ ބަލިމީހުންނާ އެކު އެހެން ތަންތަނަށް ގެދޮރުދޫކޮށް މީހުން ބަދަލުވާ ހާލަތަށް އައްޑޫގެ ފެނުގެ މައްސަލަ ދިމާވެފައިވޭ." އޭނަ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ފެނުގެ ހިދުމަތް ކެނޑޭ މައްސަލަ ހައްލު ނުކުރެވި ދެ މަހަށް ވުރެ ދިގު މުއްދަތެއް ދިއުމަކީ އެކަމާ ޒިންމާވާން ޖެހޭ ފަރާތްތަކަށް ރެކެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަދި މިކަމާ ގުޅުވައި ސަރުކާރާއި ފެނަކަ ދިފާއު ކުރުމަކީ މި ނިކަމެތި ހާލަތު ތަހައްމަލުކުރާ ރައްޔިތުންނަށް ކުރާ ޖެއްސުމެއް." މޭޔަރު ވިދާޅުވި އެވެ. "އައްޑޫގެ ގުޅިފައިވާ ރައްތަކުގެ ފެނުގެ މައްސަލަ އަކީ ސިޔާސީ ޖަދަލު ކުރުމަށް ފުރުސަތު އޮތް ސަމާސާ މައްސަލައެއް ނޫން."

އައްޑޫ ފެނުގެ މައްސަލަ މަޖިލީހަށް އިއްޔެ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިމެވެ. އެކަމާ ގުޅޭ ގޮތުން އޭނަ ވިދާޅުވީ އައްޑޫގެ އާރްއޯ ޕްލާންޓަށް ބޭނުންވާ ސްޕެއާ ޕާޓްސް ނެތް ކަމަށާއި ޓެކްނީޝަނުން ވެސް ނެތް ވާހަކަ އައްޑޫގައި ހުންނަ ފެނަކައިގެ އޮފީހުން ބުނަމުންދާ ކަމަށެވެ.

"ވެރިން އެބަ ލެވޭ. މެނޭޖަރުން އެބަ ލެވޭ. އެސިސްޓެންޓު މެނޭޖަރުންގެ ހަތް ބޭފުޅުން މިހާރުވެސް އެބަތިއްބެވި. ޑިރެކްޓަރުންގެ ދިހަ ބޭފުޅުން އެބަތިއްބެވި. އެސިސްޓެންޓް ޑިރެކްޓަރުންގެ ބާރަ ބޭފުޅުން އެބަތިއްބެވި. ޓެކްނީޝަނަކު ނެތް،' ނާޒިލު ވިދާޅުވި އެވެ. ކަމެއް ދިމާވީމާ ހައްލު ހޯދައިދޭނެ މީހަކު ނެތް. ހައްތާވެސް ތިއްބެވީ މެނޭޖަރުން، ވެރިން ތިއްބެވީ. އެ ބޭފުޅުން އިށީންނަ ވާނެ ގޮނޑިއެއް ވެސް ނެތް."

ނާޒިލު ހުށަހެޅުއްވި މައްސަލާގައި އިއްޔެ ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އައްޑޫ ފެނުގެ ނިޒާމަށް މައްސަލަ ދިމާވެގެން އުޅެނީ އެމްޑީޕީ ސަރުކާރުން ބޮޑެތި އިހުމާލުތަކެއްވެފައި އޮތުމުން ކަމަށެވެ.

އެކަމަކު މި ސަރުކާރުން އެކަން ހައްލުކޮށް ދޭނެ ކަމަށް އޭނަ ވިދާޅުވި އެވެ.

އައްޑޫގެ ފެނުގެ ނިޒާމު ރަނގަޅު ކުރަން މި ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވެ އެވެ. އެއީ އެޕްރީލް 13 ގަ އެވެ. އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫއުގެ އަގަކީ 282.6 މިލިއަން ރުފިޔާ އެވެ.