ގޯތި ލިބިފައިވާ ފަރާތްތަކަށް ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ބިމާބެހޭ ޤާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. 19 ވަނަ މަޖިލިސް ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް މި ބިލު ފާސްކޮށް ތަސްދީގު ކުރުމަށް ފޮނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި ރައީސް އެދިވަޑައިގެން، މި ބިލު ތަސްތީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާފައިވަނީ މޭ 16 ވަނަ ދުވަހުއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހުމުން ކޮމިޓީއަށް ފޮނުވުމަށް ފެންނަ ކަމަށް ވޯޓު ދީފައިވަނީ 12 މެންބަރުންނެވެ. އަދި އެކަމާ ދެކޮޅަށް 75 މެންބަރުން ވޯޓު ދީފައިވެއެވެ. މި ބިލު އޮތްގޮތަށް ދެވަނަ ފަހަރަށް ފާސްކުރުމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް 12 މެންބަރުން އަދި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދީފައިވެއެވެ. އެހެންކަމުން މި ބިލު ބާތިލުވީ ކަމަށް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ.
މީކާއިލް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާއަކުން ގޯތި ހަވާލުކުރަންވާނެ ކަމަށެވެ. އަދި މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކުރަންވާނެ ކަމަށެވެ.