ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލުމަކުން ގޯތި ލިބުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
19 ވަނަ މަޖިލިސް ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ގޯތި ލިބިފައިވާ ފަރާތްތަކަށް ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް އިސްލާހު ގެނެސް ތަސްދީގު ކުރުމަށް ފޮނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ މި އިސްލާހު ބޭރުކޮށްލާފައެވެ.
މަޖިލީހުން މި އިސްލާހު ބޭރުކުރުމަށްފަހު ޕީއެންސީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނޫސްވެރިންނާ ބައްދަލުވުމެއް ބާއްވާފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ މި އިސްލާހާމެދު މާލޭގެ މެންބަރުން ވަރަށް ބޮޑަށް ވިސްނި ކަމަށެވެ. އަދި މި އިސްލާހު ފާހަގަކުރެވެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހުއްޓުވުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
"މި އިސްލާހު މަޖިލީހުން ބޭރުކޮށްލުމަކުން، އަޅުގަނޑުމެން މާލޭގެ ރައްޔިތުންނަށް ލިބިފައިވާ ބޯހިޔާވަހިކަން ނުވަތަ ގެދޮރުގެ ފުރުސަތު ގެއްލޭނެ އެއްވެސް ޖާގައެއް ނެތް." ރިފާއު ވިދާޅުވިއެވެ.
ރިފާއު ވިދާޅުވީ ގޯތީގެ ކަންކަން އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔައީ ވޯޓާ ދިމާކޮށް އެއްވެސް ރޭވުންތެރިކަމެއް ނެތި ކަމަށެވެ. އަދި ތިން މަސްތެރޭ ގޯތިތައް ހަވާލުކުރުމަށް ސަރުކާރަށް ނުވަތަ ކަމާގުޅޭ އިދާރާއަކަށް ލާޒިމު ކުރުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ވުޖޫދުގައި ނެތް އެއްޗެއް ވުޖޫދަށްގެނެސް ރައްޔިތުންނަށް ހަވާލު ކުރުމަށް ތިން މަސްދުވަހަކީ އެކަށޭނަ މުއްދަތެއް ކަމާމެދު ރިފާއު ވަނީ ސުވާލު އުފައްދަވާފައެވެ.
ރިފާއު ވިދާޅުވީ ރައީސް މުއިއްޒު ރިޔާސީ ކެމްޕޭންގައި މާލޭގެ ރައްޔިތުންނަށް ދިން ޔަގީންކަން ދަމަހައްޓާނެ ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް މި ބޯހިޔާވަހިކަންވެސް ފޯރުކޮށްދޭނީ ރައީސް މުއިއްޒުގެ ސަރުކާރުގައި ކަމަށް ވިދާޅުވިއެވެ.
"ތިޔަ އެންމެ ރައްޔިތުންނަށް އަދިވެސް ޔަގީންކަން އަރުވަނީ، މި ބިލު މަޖިލީހުން ބޭރުކުރުމަކުން ތިބޭފުޅުންނަށް ތިލިބެންޖެހޭ ގޯތި ލިބުމަށް އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން." ރިފާއު ވިދާޅުވިއެވެ.