އެކްޓަރު ޝާހްރުކް ޚާނާ އެކީ ފިލްމެއް ހަދަން ނުކެރޭނެ ކަމަށާއި އެހެންވެ އެކަމަށް އުންމީދު ވެސް ނުކުރާ ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ބުނެފި އެވެ.
ހިއުމަންސް އޮފް ސިނެމާގައި ވާހަކަ ދައްކަމުން އޭނަ ބުނީ އޭ-ލިސްޓް ތަރިންތަކެއް ހިމަނައިގެން ފިލްމެއް ހަދައިގެން ކުރިން ވެސް ވަރަށް ހިތި ތަޖުރިބާއެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަނޫރާގް އިޝާރާތްކުރި އެ ފިލްމަކީ ރަންބީރް ކަޕޫރާއި އަނުޝްކާ ޝަރުމާއާ އެކީ ގެނެސްދިން 2015 ގެ "ބޮމްބޭ ވެލްވެޓް" އެވެ.
އެ ފިލްމުވެގެން ދިޔައީ އަނޫރާގް ކެރިއަރުގެ އެންމެ ބޮޑު ފްލޮޕަށެވެ.
ބޮޑު ބަޖެޓަކުން ގްރޭންޑްކޮށް ހެދި "ބޮމްބޭ ވެލްވެޓް" ގެ ތަޖުރިބާ އިން ލިބުނު ފިލާވަޅަކީ "ނެތް ފެންވަރުގައި" ފިލްމު ހަދަން ނޫޅުން ކަމަށް އަނޫރާގް ބުންޏެވެ. އެހެންވެ އެންމެ މަޝްހޫރު ތަރިން ހިމަނައިގެން ފިލްމު ހެދުމަކީ އޭނަގެ ކިބައިގައި ނެތް ގާބިލު ކަމެއްކަމަށް ބުންޏެވެ.
"އެހެންވެ އަހަންނަށް ލާހިކެއް ނޫން ޝާހްރުކާ އެކީ ފިލްމެއް ހަދާކަށް. އަހަރެން ގަބޫލެއް ނުކުރަން އޭނަގެ ބިޔަ ފޭންބޭސް އުންމީދު ވަރުގެ ފިލްމެއް އަހަންނަށް ހެދިދާނެ ކަމަކަށް،" އަނޫރާގް ބުންޏެވެ. "ޝާހްރުކާ އެކީގައި މަސައްކަތް ކުރުމުގެ އުންމީދުތަކެއް ކުރިން އޮތަސް މިހާރު އަމުދަކުން އެކަހަލަ އުންމީދެއް ވެސް ނެތް."
އާންމުކޮށް، ޑާކް ތީމްކަށް ފިލްމު ހަދާ ޑައިރެކްޓަރުގެ ފިލްމުތަކަށް ނަގަނީ މާ މަޝްހޫރު ނޫން ފަންނާނުންނެވެ. އެކަމަކު އަނޫރާގް ފާހަގަ ކުރެވެނީ މޮޅެތި ފިލްމުތަކެއް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
"އަހަރެން އަބަދު ވެސް ހަދާނީ އަހަރެން އެންމެ ބޭނުންވާ ކަހަލަ ފިލްމުތައް." އޭނަ ބުންޏެވެ.
"ބްލެކް ފްރައިޑޭ" އާއި "ދޭވް ޑީ" އާއި "ގޭންގްސް އޮފް ވަސޭޕޫރް" އަދި "މަންމަރުޒިޔާ" ފަދަ ފިލްމުތައް ގެނެސްދިން އަނޫރާގްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ކެނެޑީ" އެވެ. އޭގެ ތަރިންނަކީ ސަނީ ލިއޯނީ ޓީވީ އެކްޓަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ރާހުލް ބަޓެވެ.
ރިޕޯޓްތަައް ބުނާ ގޮތުން އަނޫރާގް މިހާރު އަންނަނީ ބޮބީ ޑިއޯލް އާއި ސާނިއާ މަލްއުތުރާ އާއި ސަބާ އާޒާދުގެ އިތުން މަލަޔާޅަމް އެކްޓަރު ޖޯޖޫ ޖޯޖް ހިމަނައިގެން ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ.