އަމާޒަކީ މަސައްކަތުގެ ދާއިރާގައި އެންމެން އެކުގައި މަސައްކަތްކުރާނެ މާހައުލެއް އުފެއްދުން ކަމަށް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ސުވިޓްޒަލެންޑްގެ ޖެނީވާގައި ޖޫން 4 ގައި ބޭއްވި "އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސް" ގެ 112 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މަރިޔަމް މާރިޔާ ވަނީ 2009 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ އިން އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގައި ބައިވެރިވެ، މަސައްކަތުގެ މައިދާނުގައި މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ނަގަންޖެހޭ ފިޔަފަޅުތައް ނަގާފައިވާކަން ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ރާއްޖޭގެ ހުރިހާ ރަށްތަކުގައި މަސައްކަތްތެރިކަން ކުރިއެރުވުމުގެ މަޤުސަދުގައި ފާއިތުވި އަހަރުތަކުގައި ރާއްޖެއިން ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާކަންވެސް ފާހަަގަ ކުރެއްވިއެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ވަޒީފާގެ ބާޒާރުގައި އެންމެންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން އެތައް މަސައްކަތެއް ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތުގެ ދާއިރާގައި އެންމެން އެކުގައި އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން، އެކުގައި މަސައްކަތްކުރާ މާހައުލެއް އުފެއްދުން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ ވަނީ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށާއި އިޖްތިމާއީ އިންސާފުވެރިކަން ދެމެހެއްޓުމަށް ކުރައްވާ ބުރަމަސައްކަތުގެ އަގުވަޒަންކުރައްވައި، ހަމަހަމަ މުޖުތަމައެއް ޤާއިމުކުރުމަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
"އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސް" ގެ 112 ވަނަ ބައްދަލުވުމަކީ ދުނިޔޭގެ އެކި ޤައުމުތަށް ބައްދަލުވެ، އައި.އެލް.އޯގެ އެކި އުސޫލުތަކާމެދު މަޝްވަރާކޮށް އިޖުތިމާއީގޮތުންނާއި މަސައްކަތުގެ މާހައުލުގެ މުހިންމު ސުވާލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފެރެންސްއެކެވެ.