ރާއްޖެ އަކީ ވަރަށް ގާތް އެކުވެރިއެެއް ކަމަށާއި އަބަދު ވެސް އެކީގައި ވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ މިހެން ވިދާޅުވީ އޭނަ އަށް ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރެއް ކަށަވަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓާ ގުޅިގެންނެވެ. އެގޮތުން މޯދީ ވިދާޅުވީ ރާއްޖެ އަކީ އަބަދު ވެސް އިންޑިއާގެ އަގުހުރި ބައިވެރިއެެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
Thank you President @MMuizzu. Maldives is our valued partner and neighbour in the Indian Ocean Region. I too look forward to closer cooperation for further strengthening our bilateral ties. https://t.co/CMtAWD0pGB
— Narendra Modi (@narendramodi) June 5, 2024
ރާއްޖެ ވަރަށް ގާތް ގައުމެއްގެ ގޮތުގައި މޯދީ ފާހަގަކުރެއްވި އިރު، މި ސަރުކާރު އައި ފަހުން ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އައިސްފައިވެ އެވެ.
އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމާއި މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އާއި އިންޑިއާ އަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައާ ގުޅިގެން ގެ ގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވެ އެވެ.
ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު ވިދާޅުވީ ދެ ގައުމުގެ މެދުގައި ހުރި ނުތަނަސްކަން މިހާރު ވަރަށް ބޮޑަށް ފިލާފައިވާ ކަމަށެވެ.