ދިވެހި ފުލުހުންގެ ހިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްފިއެވެ.
ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު އިސްކަންދަރު ބިލްޑިންގައެވެ. ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލި ޕްލޭނާއެކު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
އެގޮތުން މަސްތުވާތަކެއްޗާއި ގޭންގު ވައިލެންސާ ދެކޮޅަށް މަސައްކަތްކުރުމުގެ ގައުމީ ސްޓްރެޓެޖީއަކާއެކު ޑްރަގް އަދި ވައިލެންޓް ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރާނެ ބަހާއެއް ގާއިމުކުރުން ހިމަނާފައިވެއެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވުން މަދުކުރުމަށްޓަކައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރުމާއި ނެއިބަރހުޑް ޕޮލިސިންގ އިތުރަށް ތަރައްގީކުރުމަށްޓަކައި ލޯކަލް ޕޮލިސިންގ ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތަންފީޒުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މުސްތަގުބަލަށް ފޯކަސްކުރާ އަދި އަދި ޑޭޓާ ޑްރައިވަން ޕޮލިސިންގ ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑެއް ގާއިމުކުރެވިގެންދިއުމާއި އަރބަން ސެންޓަރުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތާއި ޕޮލިސް ބޭސިކް ސްކިލްސް ތަރައްގީކުރުމާއި ލީޑަރޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއަރ ތަމްރީނު ޕްރޮގްރާމްތައް ފެށުމުގެ މަސައްކަތުގެ އިތުރުން ޕޮލިސިންގ ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒުކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވަރނަންސް އަދި ޑިސިޝަން މޭކިންގ ނިޒާމުގައި މި ފްރޭމްވޯކް ބޭނުންކުރުމުގެ މަސައްކަތްފެށިގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.