Last Updated: January 16, 05:53
Thursday, January 16, 2025
ޚަބަރު

ގައުމުގެ މާލީ ހާލަތު: ހިތި ބޭހެއް ބޯންޖެހޭނަމަ އެނގެންޖެހޭ!

ދިއްގަރު ދާއިރާގެ މެންބަރު، މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން ތެދު މައުލޫމާތު އެނގެންޖެހޭ ކަމަށާއި، ހިތިބޭހެއް ބޯންޖެހޭނަމަ އެކަންވެސް އެނގެންޖެހޭ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު، މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބޭއްވިއިރު، އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ހާޒިރު ކުރުމަށް ހުށަހަޅުއްވާފައެވެ. ރާއްޖޭގެ މިއަދުގެ އިގްތިސާދީ ހާލަތު އޮތްގޮތުގެ ރަނގަޅު ތަސައްވުރެއް ކޮމިޓީއަށް އެނގެންޖެހޭ ކަމަށާއި ކުރިމަގުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްހުރި ރާވައިފައި ހުރި ޕްލޭންތައްވެސް އެނގެންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރާ އެކު ކުރިއަށްގެންދާ ބައްދަލުވުން މީޑިއާއަށްވެސް ހުޅުވާލައިގެން އަދި އާންމުންނަށްވެސް އެ މައުލޫމާތުތައް އެނގޭނެ ގޮތަށް ބޭއްވުމަށް ނާޒިމް ހުށަހެޅުއްވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ތެދުބަހުން ވަރަށް ތިލަކޮށް، މިވާހަކަތައް އެބަޖެހޭ ދެކެވެން. ސަބަބަކީ ރައްޔިތުންގެ އުންމީދުތައް މި ބިނާވަނީ އެބޭފުޅުން ދައްކަވާ ވާހަކަތަކުގެ މައްޗަށް. ރަށްރަށުގަ ރައްޔިތުންނަށް އެބަ އެނގެންޖެހޭ ޕްރޮޖެކްޓްތައް ހިނގާނެތޯ ނުވަތަ ނޫންތޯވެސް. އިންތިހާބީ މޫސުން މިއޮތީ ނިމިފަ. އެހެންމަ އަޅުގަނޑު ދެންނެވީ ހިނގާށޭ ރައްޔިތުން ކައިރީވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ، ރިޔާލިޓީއާ ކޮންފްރަންޓް ކުރަން ދަސްކުރަންވީއޭ މިހާރު. އެހެންނޫނީ އަޅުގަނޑުމެނަށް އޮތީ ހަމަ ބަނަ ދުވަސްތަކެކޭ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅަށް ތަސައްވަރު ކުރެވޭނީ ފިނޭންސް މިނިސްޓްރީންވެސް ރަނގަޅު މައުލޫމާތު ދެއްވުމުން ކަމަށެވެ.

މާލިއްޔަތު ކޮމިޓީގައި މެންބަރުން އިސްކުރަންޖެހޭނީ ޕާޓީގެ މަސްލަހަތު ނޫން ކަމަށާއި އިސްކުރަންޖެހޭނީ ގައުމުގެ މާލީ މަސްލަހަތު ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނާއި ގައުމުގެ ހައްގުގައިވެސް ސާފުކުރަންވީ އަސްލު މަންޒަރު ކަމަށް ވިދާޅުވިއެވެ. ލަންކާވެސް ފެއިލް ވީ އެންމެންގެ ކުރިމަތީގައި ކަމަށާއި އޭރު އިންޑިއާވެސް ޗައިނާވެސް ގާތުގައި އޮތްކަން ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް އެ ގައުމުތަކުންވެސް ދޫކޮށްލީ އިގްތިސާދީ އަސާސީ ކަންތައްތައް ރަނގަޅު ނުވުމުންކަން ނާޒިމް ފާހަގަކުރެއްވިއެވެ.

"ސައުދީއަރަބިއްޔާއިންވެސް މިހާރު ނުދޭ އެގޮތަކަށް ލާރިއެއް. ޕާކިސްތާނަކަށްވެސް ނުދިން އަދި މިހާރު މިސްރަކަށްވެސް ނުދިން."

ޕާކިސްތާނުގެ ސެންޓްރަލް ބޭންކްގައި ސައުދީއަރަބިއްޔާއިން ތިން ބިލިއަން ޑޮލަރުގެ ޑިޕޮޒިޓެއް ބަހައްޓާފައިހުރިކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ އެއީ ހަމައެކަނި ފޮރިން ކަރަންސީ ސްޓެބަލައިޒް ކުރަން ބަހައްޓާފައިހުރި އެއްޗެއް ކަމަށެވެ. އެހެންނަމަވެސް އެއީ އައިއެމްއެފް އަދި ވޯލްޑް ބޭންކުން "ބޯން ބުނި ހިތި ބޭސް ބޯން އެއްބަސްވުމުން" ދިން އެއްޗެއްކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ވެސް ހިތި ބޭސް، ބޭސްސިޓީއެއްގައި އޮތިއްޔާ އެވެސް އެނގެންވީއޭ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން ކުރަންވީ ކޮންކަމެއްތޯ، ކޮށްދޭންވީ ކޮންކަމެއްތޯ. މިހެން ދަމުންގޮސް ބަނގުރޫޓްވީމަ ކަމަކު ނުދާނެ. އެހެންމާ އަޅުގަނޑުމެން ހިނގާށޭ އެމަންޒަރު ހޯދަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޓެކްސް ބޮޑުކުރުން ނުވަތަ އެ ނޫން ފިޔަވަޅެއް އަޅަންޖެހޭނަމަ އެކަމަށްވެސް މަސައްކަތް ކުރެވޭނީ ތެދަށް އެކަން އެނގުމުން ކަމަށެވެ. އަދި ބަޖެޓް ފާސްކުރުމާ ހަމައަށް މަޑުނުކޮށް މާލިއްޔަތު ކޮމެޓީއަށް ކަންކަން ސާފުކޮށްދޭންޖެހޭކަންވެސް ފާހަގަ ކުރެއްވިއެވެ.

"އިނގިރޭސި ބަހުން ބުނާކަމަށްވަންޏާ ރަނގަޅު ހާޑް ޓޯކް ކުރަންވީ ފިނޭންސް މިނިސްޓްރަށް، … [އިގްތިސާދީ ހާލަތު] ތެދަށް ބުނާށޭ، ވާންވީ ގޮތެއް ބުނާށޭ."