ރަޝިޔާގެ އިސްތިގުލާލަށް ނުވަތަ ސަރަހައްދަށް ނުރައްކާވެއްޖެނަމަ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ވްލަދްމިއަރ ޕުޓިން ދީފިއެވެ.
ޕުޓިން މިފަދައިން އިންޒާރުދީފައިވަނީ ބުދަ ދުވަހު ބޭރުގެ ބައެއް މީޑިއާތަކުގެ އިސްފަރާތްތަކާ ބައްދަލުކޮށް ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ.
އެގޮތުން ރަޝިޔާގެ ސަރަހައްދުގެ ތެރޭގައި ހަމަލާތައް ދިނުމަށް ޔޫކްރޭނުން ކުރާ މަސައްކަތަށް ތާއީދުކުރާ ގައުމުތަކާމެދު އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން އަދި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ ގުޅޭގޮތުން ސުވާލު ކުރުމުން ޕުޓިން ބުނެފައިވަނީ، އެ ގައުމުގައި ނިއުކްލިއަރ ޑޮކްޓްރިންއެއް އެބައޮތް ކަމަށާއި، ގައުމުގެ އިސްތިގުލާލަށް އަދި ސަރަހައްދަށް ނުރައްކާ ވެއްޖެނަމަ ބޭނުން ކުރަންޖެހިއްޖެ ވަސީލަތެއްގެ ބޭނުން ކުރާނެ ކަމަށެވެ.
ޕުޓިން ވިދާޅުވީ ރަޝިޔާއަކީ ދުޝްމަނަކަށް ހަދައިގެން ނުވާނެ ކަމަށާއި އެއީ އަމިއްލައަށް ލިބިގަންނަ ގެއްލުމެއް ކަމަށެވެ.
2022 ވަނަ އަހަރު ޔޫކްރެއިން ހަނގުރާމަ ފެށިފަހުން ޕުޓިން ބޭރުގެ ބައެއް މީޑިއާތަކުގެ އިސްފަރާތްތަކަކާ ބައްދަލުކުރި މިއީ ފުރަތަމަ ފަހަރެވެ.
ރަޝިޔާއިން ޔޫކްރެއިންދީފައިވާ ހަމަލާތަކުގައި ޔޫކްރެއިންގެ 31،000 އަށްވުރެއް ގިނަ ސިފައިން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.