ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމެއް ޒުވާން އެކްޓަރު ކާތިކް އާރިއަނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ މިކަމާ ގުޅޭ މަޝްވަރާތަކެއް މިހާރު ކުރިއަށްދާ އިރު، އަންނަ މަހުގެ ތެރޭގައި ފިލްމުގެ ސްކްރިޕްޓް ނިންމައި، ކާތިކަށް އެ ނެރޭޓްކޮށް ދިނުމަށް ފަހު، ފިލްމުގެ ކާސްޓުން ހަމަޖައްސައި ފިލްމު ރަސްމީކޮށް އިއުލާން ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ސޫރަޖާއި އޭނަގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކަށް ސޫރަޖްގެ ފިލްމެއް ހުށަހެޅިކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، މިދިޔަ އަހަރު ސޫރަޖްގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުތް ފިލްމު "ދޯނޯ" ގެ ބަތަލަކީ ވެސް ކާތިކް ކަމަށް އެ ފިލްމު ހަދަން އުޅުނު ދުވަސްވަރު އެޑުއެރި އެވެ. އެކަމަކު އެ ފިލްމަކީ އެކްޓަރު ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ތައާރަފުކުރި ފިލްމެވެ.
ދެހާސް ބާވީހުގައި "އޫޗާއީ" ގެނެސްދިން ސޫރަޖް ދެން ހަދަން އޮތީ "ޕްރޭމް ކީ ޝާދީ" ކިޔާ ފިލްމެއް ކަމަށާއި މީގެ ބަތަލަކީ ސަލްމާން ޚާން ކަމަށް މި ފަހުން ވަރަށް ބޮޑަށް މީޑިއާތަކުގައި ވާހަކަ ދެކެވިފައިވެ އެވެ. ނަމަވެސް މީގެ ދެ މަހެއްހާ ދުވަސް ކުރިން ބައެއް މީޑިއާތަކުން ބުނީ ސަލްމާންގެ ބަދަލުގައި އެ ފިލްމު ކުޅޭނީ ސޫރަޖް 2006 ގެ "ވިވާ" ގެ ބަތަލު ޝާހިދު ކަޕޫރް ކަމަށެވެ.
ސޫރަޖްގެ ގިނަ ފިލްމުތައް ކުޅުނީ ސަލްމާނެވެ. އަދި މި ދެ މީހުންނަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. ސަލްމާން މަޝްހޫރު ތަރިއަކަށްވެގެން ދިޔައީ ސޫރަޖް ޑައިރެކްޓްކުރި ފުރަތަމަ ފިލްމު 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އިންނެވެ. އޭގެ ފަހުން އެ ދެ މީހުން އެކީގައި 1994 ގެ "ހަމް އާޕް ކޭ ހޭ ކޯން" އާއި 1999 ގެ "ހަމް ސާތު ސާތު ހޭ" އަދި 2015 ގައި "ޕްރޭމް ރަތަން ދަން ޕާޔޯ" ގެނެސްދިނެވެ.
އާންމުންގެ ތެރޭގައި ސޫރަޖް މަޝްހޫރު އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.
އޭނަގެ އާ ފިލްމު ކާތިކާ އެކީ ހަދަން އުޅޭކަމުގެ އަޑުތަކެއް އަރާފައިވާ އިރު، ގިނަ ބަޔަކު މިހާރު އަންނަނީ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.
ކާތިކް މިހާރު އަންނަނީ މި މަހުގެ 14 ގައި ރިލީޒްކުރާ ޑައިރެކްޓަރު ކަބީރު ޚާންގެ "ޗަންދޫ ޗެމްޕިއަން" ޕްރޮމޯޓްކުރަމުންނެވެ.