ގ. ވޭރު، އަބްދުލް މުހީތު (ބޮބީ) މަރާލުމުގެ މައްސަލާގައި ކުށް ސާބިތުވި ދެ މީހަކު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި މިއަދުވެސް ނުފެށި އަނެއްކާވެސް ލަސްވެއްޖެއެވެ.
ތޫނު އެއްޗަކުން ދިން ހަމަލާއެއްގައި މުހީތު މަރާލާފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގައި ދައުވާ ކުރި މީހުންގެ ތެރެއިން ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޅ. ނައިފަރު ޒައިތޫނިގޭ، މުހައްމަދު މައިމޫން އަދި ގދ. ގައްދޫ އަބްލަޣީގޭ، މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށެވެ. މި ދެމީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 މޭ މަހުގެ ތެރޭގައެވެ.
މި މައްސަލަ މުހައްމަދު މައިމޫން އަދި މުހުޖަތު އަހުމަދު ނާސިހުގެ ފަރާތުން 2019 ވަނަ އަހަރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް މިއަދު ހައިކޯޓުގައި އަޑުއެހުމެއް ބޭއްވިއިރު، ދިފާއީ ވަކީލް ކޯޓުގައި އެދުނީ އިސްތިއުނާފު ފޯމު އިސްލާހު ކުރުމުގެ ފުރުސަތަކަށެވެ. އަދި އެގޮތަށް އެދިފައިވަނީ މައްސަލަ އިސްތިއުނާފުކުރި ދެ ފަރާތުގެ އެދުމުގެ މަތިންކަން ވަކީލު ފާހަގަ ކުރެއްވިއެވެ.
މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މިއަދު ނިންމާފައިވަނީ ފޯމު އިސްލާހު ކުރުމުގެ ފުރުސަތު ނުދިނުމަށެވެ. އެހެންނަމަވެސް މިއަދު އިސްތިއުނާފު ހުށަހަޅަން ތައްޔާރު ނުވާކަން ފާހަގަކުރެވޭތީ، ދެން އަންނަ އަޑުއެހުމެއްގައި އިސްތިއުނާފު ހުށަހެޅުމަށް ފަނޑިޔާރުން އެދިލެއްވިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް މީގެކުރިންވެސް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން މިއަހަރު ޖެނުއަރީ މަހު ހައިކޯޓުގައި އަޑުއެހުމެއް ތާވަލުކުރިއިރު އިސްތިއުނާފު ކުރި މުހައްމަދު މައިމޫން އަދި މުހުޖަތު އަހުމަދު ނާސިހުގެ ވަކީލު މައްސަލަ ދޫކޮށްލާފައިވާ ކަމަށް ބުނުމުން އެމީހުންނަށް ވަކީލަކު ހަމަޖެއްސުމުގެ ފުުރުސަތު އޭރު ކޯޓުން ވަނީ ދީފައެވެ.
ހައިކޯޓުގައި މި މައްސަލަ ބަލާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްމާނިއު ހުސައިން, އަލްއުސްތާޛު ހުސައިން ޝަހީދު އަދި އަލްއުސްތާޛާ ފާތިމަތު ފަރްހީޒާއެވެ.
މުހީތުގެ މަރާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ވެސް ދައުވާކުރިއެވެ. އޭގެ ތެރެއިން ދެ ކުއްޖަކު މެރުމަށް 2013 ވަނަ އަހަރު އެ ކޯޓުން ހުކުމް ކޮށްފައި ވާއިރު، އެ ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އެ ދެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.