ހޯމްލޭންޑް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމަށް ހިންނާ ހާލިދު އައްޔަންކޮށްފި އެވެ.
ހިންނާ އަށް މަގާމުގެ ލިޔުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހަވާލުކުރީ މިއަދެވެ.
ހިންނަ މީގެ ކުރިން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމުވެސް އަދާކުރައްވާފައިވެ އެވެ. ކައުންސިލްގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމުގެ އިތުރަށް އިތުރު ގަޑީގެ ފައިސާ ހޯދި މައްސަލައެއް ސާބިތުވެ ސިވިލް ކޯޓުން ހިންނަގެ މައްޗަށް ގޭބަންދުގެ ހުކުމެއް ވެސް އިއްވި އެވެ.
ނަމަވެސް ހަ މަސް ދުވަހު ގޭބަންދު ފަހުން ހައިކޯޓުން ބާތިލުކުރި އެވެ.
ހިންނާ އަކީ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގައި ފުރަމުންވަމުން ގެންދަވާ ހައްވާ ޝިއުނާ ހާލިދު ދައްތަ އެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި އެ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާގެ މަގާމުގައި ހިންނާ ހުންނެވުމަށް ފަހު މިިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އޭނަ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.