Last Updated: September 8, 06:07
Sunday, September 8, 2024
ދުނިޔެ

އެންވިޑިއާ އިން އެޕަލް ފަހަތަށް ވައްޓާލައިފި!

ދުނިޔޭގެ އެންމެ އަގުހުރި ކުންފުނީގެ މަގާމުގައި އޮތް އެމެރިކާގެ އެޕަލް ފަހަތަށް ޖައްސާލައި، އެ ގައުމުގެ މަޝްހޫރު ޗިޕް ކުންފުނި، އެންވިޑިއާ ކުރި ހޯދައިފި އެވެ.

އެ ކުންފުނީގެ އަގު މިހާރު ވަނީ ތިން ޓްރިލިއަން ޑޮލަރު ހުރަސްކޮށްފަ އެވެެ. މިއާ އެކީ އެންވިޑިއާވެފައި ވަނީ އެ ވަރުގެ ރައުސުލްމާލެއް ހޯދި ފުރަތަމަ ޗިޕް ކުންފުންޏަށެވެ. ވިޔަފާރީގެ ގޮތުން އެންވިޑިއާ އަށް އިއްޔެ މި ލިބުނު ކުރިއެރުމާ އެކީ، ކުންފުނީގެ ހިއްސާގެ ވިޔަފާރި ވެސް ވަރަށް ބޮޑަށް އުފުލިފައިވެ އެވެ.

އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއަންގް ވިދާޅުވީ އެ ކުންފުންޏަކީ ފަސްއެނބުރި ބަލާނެ ކުންފުންޏެއް ނޫން ކަމަށާއި ބޮޑެތި ކުރިއެރުންތަކެއް އަދި ކުރިއަށް އޮތީ ކަމަށެވެ. އެގޮތުން މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައިވާ އެއް ކަމަކީ އެންވިޑިއާގެ ތެރޭގައި އާޓިފިޝަލް އިންޓެޖެލިންސް (އޭއައި) ބޭނުން ކުރާ މިންވަރު އިތުރުކޮށް، އެ ދާއިރާ އިތުރަށް އަޕްގްރޭޑް ކުރުން ކަމަށް ވިދާޅުވި އެވެ.

އެންވިޑިއާ އަކީ މީގެ 31 އަހަރު ކުރިން އެޕްރީލް 5، 1993 ގައި އުފަންވި ކުންފުންޏެކެވެ. ކުންފުނި ވުޖޫދަށް ގެނައުމުގައި އިސްކޮށް ތިއްބެވީ ޖެންސެންގެ އިތުރުން ކާޓިސް ޕްރީމް އާއި ކްރިސް މަލަޗޯސްކީ އެވެ.

އެންވިޑިއާގެ މުވައްޒަފުންގެ އަދަދު މިހާރު 29،600 އަށް އަރަ އެވެ.

އެޕަލްގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އެރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް މި ފަހުން އައިފޯންގެ ވިޔަފާރި ވެސް ބޮޑެތި މާކެޓްތަކުގައި ވެއްޓުމާ ގުޅިގެން ކުންފުނީގެ އާމްދަނީ ދަށްވެ، ތިން ޓްރިލިއަރުން ތިރިއަށް ވަނީ ސޮއްސާލައިފަ އެވެ.